ޚަބަރު

މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި 158 ކިލޯ މަސްތުވާތަކެތި އަތުލައިގަނެވުނު: ފުލުހުން 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފުލުހުން މީގެ ކުރިން ހޯދައިގަތް ޑްރަގްތަކެއް

މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި 158.8467 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by STELCO

ފުލުހުން އެހެން ބުނީ ޖެނުއަރީ 1 އިން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ އިދާރާގެ ޑްރަގް އެންފޯސްމަންޓްއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުގަ އެވެ.

އެ މުއްދަތުގެ ތެރޭގައި 113 އޮޕަރޭޝަނެއް ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންގޮސްފައިވާއިރު 8554 މީހަކު ބަލާ ފާސްކޮށްފައިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި 712 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނޭ 80 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މުއްދަތުގެ ތެރޭގައި 5252 ފުޅި ބަނގުރާ އަތުލައިގެންފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ބަނގުރަލުގެ ޖުމްލަ މަގުމަތީ އަގު 282,273,651.52 ރުފިޔާއަށް އަރާ ކަމަށެވެ.

ފުލުހުންގެ އެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި އެ ފަދަ 475 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އަދި 230 މައްސަލައެއް ތަހުގީގުގެ މަރުހަލާ ނިންމުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށް އެދި ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.