މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް
މިއަދުގެ މެންދުރުފަހާ ހިސާބަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިއަދުގެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މެންދުރުފަހު 1:30 އާ މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށެވެ. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
"ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ،" މެޓް
މެޓް އޮފީހުން ވަނީ މެންދުރުފަހު 3:00 އާ ހަމައަށް ހއ. އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް އެ އޮފީހުން ބުނެ އެވެ. އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށެވެ. ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.