އަޅުގަނޑުމެން ވާހަކަ ދައްކަންޖެހޭނީ ރައްޔިތެއްގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދަން، ތިމާގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދާކަށް ނޫން: ބޮންޑޭ

ރައްޔިތުން މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ވާހަކަދައްކަން ޖެހޭނީ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތަކާއި މެދު ކަމަށާއި ބަދަލުގައި އަމިއްލަ ޖީބަށް ފައިސާ ވަންނާނެ ގޮތަކާއި މެދުގައި ނޫން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅު ވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ރޭ ވިދާޅުވީ އިހު ޒަމާނުގައި މާލޭގައި އެކި ކަންކަން މަތީގައި ކަނޑިކި ހިއްލާގެން ޒުވާބު ކުރަން ހުންނަހެން މިހާރު ޒުވާބު ކުރުމަކީ “ޕޮލިޓިކިސް” ނޫން ކަމަށާއި ސިޔާސީ ޕާޓީތައް އުފައްދަނީ އެއްބަޔަކު އަނެއްބަޔަކާއި ކޯޅޭކަށް ނޫން ކަމަށެވެ.
ބޮންޑޭ ވިދާޅުވީ އެމްޑީޕީ މެންބަރުން ވެސް މީޑިއާތަކަށް އަރައި ވާހަކަ ދައްކަނީ އެއްބަޔަކު އަނެއް ބަޔަކާއި ކޯޅެން ކަމަށާއި އެމީހުންގެ އަމިއްލަ ޖީބަށް ފައިސާ ވަންނާނެ ގޮތަށް ކަމަށެވެ. އަދި އަބަދުވެސް އެމްޑީޕީ ގެ މެންބަރުން ވެސް ޓީވީތަކަށް އަރައި، ޒުވާބު ކުރަނީ އިދިކޮޅު ކޯލިޝަންގެ އަދުރޭ (އަބްދުއްރަހީމް އަބްދުﷲ) ފަދަ ބޭފުޅުންނާ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ މި ބިރުވެރި ދަނޑިވަޅުގައި ރައްޔިތުން ގޭގައި ބަންދު ވެފައިވާއިރު ވާހަކަ ދައްކަންވީ އެމީހުންނަށް ދިރިއުޅެވޭނެ މަގެއް ހޯދައިދެވޭނެ ގޮތަކާއި މެދުގައި ކަމަށެވެ.
އެމްޑީޕީގެ މެމްބަރުންނަށް ފާޑު ވިދާޅުވަމުން ބޮންޑޭ ވިދާޅުވީ އިންޑިއާއިން “ތެޔޮދޯރި” އެއް ކަހަލަ ބޯޓުގަނޑަކުން ނުނެއްޓިގެން އެމްޑީޕީގެ މެންބަރުން އުޅެން ޖެހޭ ސަބަބެއް އެއްވެސް ވަރަކަށް ނުވިސްނޭ ކަމަށެވެ.