ޚަބަރު އިޖުތިމާޢީ

ވޭޕް ފްލޭވާގެ ނަމުގައި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ކެނަބިސް ޝިޕްމަންޓުގެ މައްސަލަ ބަލަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ވޭޕް ފްލޭވާގެ ނަމުގައި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ކެނަބިސް ޝިޕްމަންޓުގެ މައްސަލަ ބަލަން ނިންމައިފި އެވެ.

Ads by Sosun Fihaara

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ވޭޕް އޮއިލް ނަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައިވާ ކަމަށެވެ.

މައްސަލަ އާ ގުޅިގެން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ކަސްޓަމުން ހިފެހެއްޓި ޝިޕްމަންޓަކާ ގުޅޭ ތަހުގީގެއް އެ ހިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މަސްތުވާތަކެތި އަޅާފައި ހުރި ވޭޕް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ވެސް އަތުލައިގެންފައިވާ ކަމުގަ އެވެ. ސްކޫލުތަކުގެ ކިޔަވާ ކުދިންނަށް އެފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމުގަ އެވެ.

އިއްޔެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި ބޭނުން ކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރަން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބު، އަހުމަދު އުޝާމް ވިދާޅުވީ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލިހަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

Ads by Ooredoo