މީގެ ކުރިންވެސް އެފަދަ ހަތަރު ސިމްޕޯޒިއަމް ކުރިއަށް ގެންގޮސްފައިވެ އެވެ.
އުމުރުން 40 އަހަރުން މަތީގެ އަންހެނުން އުރަމަތީގެ ކެންސަރަށް ގަވައިދުން ސްކްރީން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.
އުރަމަތީގެ ކެންސަރާ ހޭލުންތެރިކުރުމަށް މިއަދު ފެށި ގައުމީ ސިމްޕޯޒިއަމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސާޖިދާ ވިދާޅުވީ އުރަމަތީގައި ކެންސަރު ރާއްޖޭގައި އިތުރުވަމުންދާތީ، އުރަމަތީގެ ކެންސަރު ހުރިތޯ ދެނެގަތުމަށް ހަދާ މެމޮގްރާމް ހެދުން ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަދި ހާއްސަކޮށް މި ވައްތަރުގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތައް މިހާރަށް ވުރެ އިތުރުކުރަންޖެހޭ ކަމަށްވެސް ސާޖިދާ ފާހަގަކުރެއްވި އެވެ.
ސާޖިދާ ވިދާޅުވީ އުރަމަތީގެ ކެންސަރު އޭގެ ކުރީކޮޅުގައި ފަރުވާކޮށްގެން ރަނގަޅުވީ ނަމަވެސް އެކަމުގެ ސަބަބުން އަންހެނުން ތަހައްމަލް ކުރާ އުދަނގޫތައް ގިނަ ކަމަށެވެ.
"އަވަހަށް އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުން ރަނގަޅު. އަވަހަށް ހޯދާ ފަރުވާއިން ބަލިން ފަސޭހަވާ މިންވަރު ބޮޑުވޭ"
ފަސްޓްލޭޑީ ވިދާޅުވީ އައިޖީއެމްއެޗްގައި ތްރީޑީ މެމޮގްރާމް ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާތީ ރާއްޖެއިން ބޭރަށް ނުގޮސް އެކަން ކޮށްލެވެން ހުރުމަކީވެސް ފަސޭހައެއް ކަމަށެވެ.
އަދި ކެންސަރު ބަލީގެ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކީމޯތެރަޕީގެ ހިދުމަތްވެސް މިހާރު ރާއްޖެއިން ލިބެން ހުރިކަންވެސް ފަސްޓްލޭޑީ ފާހަގަކުރެއްވި އެވެ.
އެސްޓީއޯ މެޑިކަލް ސާވިސަސްއާއި އައިޖީއެމްއެޗް އަދި އެސްޓްރާ ޒެނެކާއާ ގުޅިގެން ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްގެ ބޭނުމަކީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމާއި ބަލިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މައުލޫމާތުދީ މަޝްވަރާ ކުރުމެވެ.