ޕޯސްޓުން އެތެރެކުރި ޑްރަގު އަތުލައިގަނެ، މީހަކު ހައްޔަރުކޮށްފި
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތި އަތުލައިގަނެ، ފުލުހުންގެ ހައްޔަރަށް މީހަކު ގެންގޮސްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ކޯޓު އަމުރުގައި ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، އެވަލޭންޑް ޝިމާޒް އަބްދުﷲ (21އ) ކަމަށެވެ.
ސީނަށް ދިޔަ ފުލުހަކާ ހަވާލާދީ ކޯޓު އަމުރުގައި ބުނީ އެ ޕެކޭޖް ބަލައި ދިޔައީ ޝިމާޒް ކަމަށެވެ.
އޭނާގެ ހާޒިރުގައި ޕެކޭޖް ކަނޑައި ބެލިއިރު ހުދުކުލައިގެ ކުނޑިތަކެއް ފައިބާފައި ހުރިކަމާއި، އޭގެ ތެރޭގައި ޑަކް ޓޭޕް އަޅާފައިވާ 4 ޕެކެޓް ފެނިފައިވާ ކަމަށާއި އެތަކެތި ޓެސްޓުކުރުމުން ކެތިނޯންއަށް ޕޮޒިޓެވެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 582 ގްރާމް ކަމަށްވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ފުލުހުން ސުވާލުކުރުމުން ޝިމާޒް ބުނީ އެ ޕެކޭޖަކީ އަބްދުﷲ ނަމަކަށް ކިޔާ މީހަކު ބުނެގެން ބަލައި ދިޔަ އެއްޗެއް ކަމަށެވެ.
ނަމަވެސް އެމީހާއާ ބެހޭ އިތުރު މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް ފުލުހުންގެ ބަޔަނާއި ހަވާލާދީ ކޯޓު އަމުރުގައި ބުންޏެވެ.
ޝިމާޒް ދީފައިވަނީ ދޮގު މައުލޫމާތުކަން ކޯޓު އަމުރުގައި ބުންޏެވެ.
އެގޮތުން ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ސިޓީ އެއްޗެހި ހަވާލުކޮށް ހަދަނީ އަލީ ޝަހުދު ނަމަކަށް ކިޔާ މީހެއްކަން އައިއޯއަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އަމުރުގައި ބުންޏެވެ.
ޝިމާޒް އަކީ ކުށުގެ ރިކޯޑް އޮތް ފަރާތެއް ކަމާއި، އެ މައްސަލަ އާ ގުޅިގެން ފޯނުން އަބްދުﷲ އާ ދެމެދު ކުރެވިފައިވާ މުއާމަލާތު ބެލުމަށް ފޯނު ކޮންސެންޓަށް އެދުމުން ދީފައިވަނީ ނުބައި ޕާސްވޯޑެއް ކަމަށްވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ޝިމާޒް 30 ދުވަހުގެ ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.