ވެލާނާ އެއާޕޯޓުގައި އެޕެކްސް އިން ސެކިއުރިޓީ ޕްރޮގްރާމް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އެއާޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭސީއައި)ގެ "އެއާޕޯޓް އެކްސެލެންސް (އެޕެކްސް) އިން ސެކިއުރިޓީ" ޕްރޮގްރާމް ފަށައިފި އެވެ.
"އެޕެކްސް އިން ސެކިއުރިޓީ" އެސެސްމަންޓް ޕްރޮގްރާމް އަކީ ވިއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ހުރި ގޮތް ބަލައި އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ފަސް ދުވަހުގެ މުއްދަތަށް އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީކާކް)ގެ އެހީގަ އެވެ. އެ ޕްރޮގްރާމާއެކު އެއާޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ވީއައިއޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް ކުންފުނިން މައުލޫމާތުދެ އެވެ.
އެ ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވީއައިއޭ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާއިރު، އުމްރާނީ ގޮތުންވެސް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ ކަމަށެވެ.
އަދި އެ އެއާޕޯޓުގެ ހިދުމަތްތައް ހޯދާ އެއާލައިންތަކާއި ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވާ ސީއީއޯ ވިދާޅުވީ، ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމްއޭސީއެލުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް ކަމަށެވެ.