ކަރަންޓީން ފުރިހަމަނުކޮށް އިޓަލީ ދެ މީހުންގެ ފުރުވާލި މައްސަލަ ބެލުމަށް އަދުރޭ ގޮވާލައްވައިފި
ކަރަންޓީނު މުއްދަތު ނުނިމެނީސް ރާއްޖެއިން ފުރުވާލި ފަހުން ކޮވިޑް-19 އަށް ފައްސިވި އިޓަލީ ދެ މީހުންގެ މައްސަލަ ބެލުމަށް އިދިކޮޅު ޕީއެންސީ ގެ ރައީސް އަބްދުއްރަހީމް ގޮވާލަައްވައިފިއެެވެ.
އައިލޭންޑް ސަފަރީން ކޮވިޑް-19 އަށް ފައްސިވި މީހަކާ ކޮންޓެކްޓްވެފައިވާ ދެ އިޓަލީ ފަތުރުވެރިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރިއެވެ. އެ މުއްދަތަށް ފަހު އެ މީހުން ރާއްޖެއިން ފުރުމުގެ ކުރިން ވައިރަހަށް ޓެސްޓު ކުރިއެވެ. އަދި އެ ދެ މީހުން ފުރި ފަހުން ޓެސްޓުތަކުގެ ނަތީޖާ އައިސް، އެ ދެ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ހާމަ ކޮށްފައެވެ.
މިކަމާއި ގުޅިގެން އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަރަންޓީން ފުރިހަމަނުކޮށް ފޮނުވާލުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަމަށާއި އަދި މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން މިފަދަ ބޮޑު އިހުމާލެއް ވުމަކީ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭކަމެއް ކަމަށެވެ.
މީގެ އިތުރުން އެކަމުގައި އިހުމާލު ވެފައިވާ ފަރާތްތަކުގެ މައްސަލަ ބެލުމަށް އަދުރޭ ވަނީ ގޮވާލައްވާފައެވެ.
ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން މިއަދު ފުރިފަހުން ކޮވިޑް-19 އަށް ފައްސިވި އިޓަލީ ދެ މީހުން ފުރި އިރު ވެސް ބަލީގެ އަލާމާތެއް ނުފެންނަ ކަމަށެވެ.