އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ދިއްފުއްޓަށް

ރާއްޖޭގެ އެކި ހިސާބުތަކަށް ކޮޅިގަނޑުގައި މިހާރު ކުރަމުންދާ ވިއްސާރާގައި ކ.ދިއްފުށި އަށް އިއްޔެ 24.1 މިލިމީޓަރުގެ ވާރޭ ވެހިއްޖެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ އެހާ ވަރަށް ދިއްފުއްޓަށް ވާރޭވެހިފައިވަނީ އިއްޔެ ހެނދުނު 08:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އަށް ކަމަށެވެ.
މެޓުން ބުނީ ދެން ވާރޭވެހުނު ރަށްރަށަށް ވާރޭވެހިފައިވަނީ އާދައިގެ ވަރަކަށް ކަމަށެވެ.
މީގެ އިތުރުން މެޓުން ބުނީ މިއަދުގެ މޫސުން އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ގުގުރާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ދެކުނުގެ މޫސުން އާދައިގެ ވަރަކަށް ރަނގަޅުވާނެ ކަމަށްވެސް މެޓުން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް އާންމުގޮތެއްގައި ވައި އަދި ކަނޑު މަޑުވާނެ ކަމަށް މެޓުން ބުންޏެވެ.