ދުނިޔެ

އައިސީޔޫގައި އޮތް ފާތިމާގެ ފަހުގެ ވަޞިއްޔަތް ، ބީޗަށް ގޮސް ރާޅުގެ އަޑުއަހާލުން. އެ ހިތްހަމަޖެހުން އޭނާއަށް ލިބިއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޔޫއޭއީ: އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ރައްޔިތެއް ކަމަށްވާ 72 އަހަރުގެ ފާތިމާ ޒާލް އަލްޙާމިސްއަށް މިދިޔަ ބުދަ ދުވަހުގެ ހެނދުނަކީ ޚާއްޞަ ހެނދުނެކެވެ. އެއީ އެތައް ބައްޔަކާއި ހަނގުރާމަ ކުރަމުންދާ ފާތިމާގެ ފަހުގެ ވަޞިއްޔަތް ފުރިހަމަ ވީ ވަގުތެވެ. ގޮނޑު ދޮށަށް ގޮސް ، ރާޅު ބީހޭ އަޑު އަހާލުމެވެ.

Ads by Sosun Fihaara

ފަހުގެ ވަޞިއްޔަތް ފުރިހަމަ ކޮށްދިނުމުން ، އެކަމުގައި އޭނާއަށް އެހީތެރިވެ ދިން އެންމެންނަށް ދުޢާކޮށްފައެވެ. ފާތިމާގެ ބަލި އަދި މަޑުމަޑު އަޑުން "ޖަޒާކަﷲ" ބުނެލިއިރު އެ އަޑުގައި ވަނީ އުފާވެރިކަމާއި ހަމަޖެހުމެވެ.

 

ހުވަފެންވެފައިވާ ފާތިމާއަކީ ހަކުރު ބައްޔާއި ، ލޭގެ ބަލި ހުންނަ މީހެކެވެ. މީގެ އިތުރުން ސްޓްރޯކެއް ޖެހި ފަރުވާ ހޯދިއިރު ، އޭނާއަށް ކެންސަރު ޖެހިފައިވާކަން ވެސް މިއަހަރު ވަނީ ދެނެގަނެވިފައެވެ. މިހުރިހާ ބައްޔަކާއެކު ވޭތުވެދިޔަ ދެއަހަރު އެއްކޮށްފަދަ ގޮތަކަށް އޭނާ ހޭދަ ކުރީ ހޮސްޕިޓަލްގައެވެ. އެހެންކަމުން ފާތިމާއަށް ފަރުވާދޭ ޕްރައިމް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން މިހާރު ވެފައިވަނީ އޭނާގެ އާއިލާގެ ބައެއް ކަމަށެވެ. ހަމައެހެންމެ އެ ޑޮކްޓަރުންނާއި ނަރުހުން ވެސް ފާތިމާއާ މެދު ދެކެނީ އެފަދަ ގޮތަކަށެވެ.

"ފާތިމާއަކީ މިހާރު އާއިލީ މެމްބަރެއް ފަދަ މީހެއް ، މިދިޔަ ދެއަހަރު އޭނާ ހޭދަކުރީ މުޅިން ހޮސްޕިޓަލްގައި، ފާތިމާ ދަނީ ޑައިބެޓީސްއާ ހައިޕާޓެންޝަން އަދި ލޭ މަތިވުމާއި ކޮލެސްޓްރޯލްއަށް ބޭސް ކުރަމުން" ޔޫއޭއީގެ މީޑިއާތަކާއި ވާހަކަ ދައްކަމުން ޕްރައިމް ހޮސްޕިޓަލްގެ އައިސީޔޫގެ ހެޑް ޑރ.ޟިރާރު ޢަބުދުﷲ ވިދާޅުވެފައި ވެއެވެ.

ޑޮކްޓަރު ބުނީ ފާތިމާއަށް ސްޓްރޯކެއް ޖެހި ފަރުވާ ދީފައިވަނިކޮށް މީގެ ހަ ހަފްތާ ކުރިން އޭނާއަށް ރަހިމްގެ ކެންސަރު ޖެހިފައިވާކަން އެނގުނު ކަމަށެވެ. އަދި އޭރު ހުރީ ހަތަރު ވަނަ ސްޓޭޖްގައި ކަމަށާއި ކެންސަރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ތަދަށް ލުއި ގެނެސްދޭ (ޕެލައަޓިވް) ބައެއް ސާޖަރީތައް ވެސް ކޮށްފިން ، ދެން އެފަދަ ބޭސް ދެމުން މި ގެންދަނީ ، ކުރެވޭނެ މާބޮޑު ކަމެއް ނެތް" ޑޮކްޓަރު ބުނެފައިވެއެވެ.

 

ޑޮކްޓަރު ބުނީ ގުދުރަތީ ސާފު ވައިން ދުރުވެ އައިސީޔޫގެ މާހައުލުގައި ފާތިމާ ދުވަސް ގުނަމުންދާތާ އެތައް ދުވަހެއް ކަމަށާއި އަދި ބީޗަށް ގެންގޮސްދިނުމަކީ ފާތިމާގެ ނުހަނު ބޮޑު އެދުމެއް ކަމަށެވެ. އެހެންކަމުން ފާތިމާގެ އާއިލާއަކީ ވެސް އައިސީޔޫގެ ޑޮކްޓަރުންނާއި ނަރުހުން ކަމަށްވުމާއެކު ފާތިމާއަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމަށް އެ އެދުން ފުއްދައިދިނުމަށް ނިންމީ ކަމަށް ވެސް ޑޮކްޓަރު ބުނެފައިވެއެވެ. އަދި މިއީ ހާލު ބޮޑު ބަލި މީހަކަށް މިފަދަ އެދުމެއް ފުއްދައިދިން ފުރަތަމަ ފަހަރު ކަމަށް ވެސް ޑޮކްޓަރު ފާހަގަ ކުރިއެވެ.

ޑޮކްޓަރު ޟިރާރު ފާހަގަ ކުރި ގޮތުގައި ބީޗްގައި ފާތިމާ ހޭދަ ކުރީ 20 މިނެޓް ނަމަވެސް އެ ވަގުތުކޮޅުގައި ދިމާވެދާނެ ކަމަކަށް ތައްޔާރުވުމުގެ މަސައްކަތަށް އެތައް ދުވަހެއް ނެގި ކަމަށެވެ.

ފާތިމާގެ ޙަޔާތަށް އެއީ އުފާވެރި ހިތްހަމަ ޖެހޭ ވަގުތުކޮޅެކެވެ. އެއީ ބީޗްގައި ހޭދަ ކޮށްލެވުނު ފަހު ފަހަރު ކަމުގައި ވެސް ވެދާނެއެވެ. އަދި އެވަގުތުކޮޅު އިވުނު ރާޅުގެ އަޑަކީ އޭނާއަށް އެއަޑު އިވުނު ފަހު ފަހަރު ކަމަށް ވެސް ވެދާނެއެވެ. ފާތިމާގެ ވަޞިއްޔަތް ފުއްދައިދިން އޭނާގެ މިހާރުގެ އާއިލާ ކަމަށްވާ ޑޮކްޓަރުންނާއި ނަރުހުން ވެސް ފާހަގަ ކޮށްފައިވަނީ އެއީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

 

 

Ads by Ooredoo
  1. ގޮހޮރު

    އަޅުކަމެއް ކުރިނަމަ ކިހާ ރަނގަޅު

    • ޢާދަނު

      ސަދަގާތެއް ކޮއްލިނަމަ ބީޗުގަވެސް