ވޭޕް އެތެރެކުރުން މަނާކުރާ ބިލު ކޮމިޓީން ފާސްކޮށްފި

ރާއްޖެއަށް ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އެކަމާ ގުޅޭ އާލާތްތައް އެތެރެކުރުން މަނާކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާ ކޮންގްރެސް ޕާޓީގެ މެމްބަރު އަހުމަދު އައިފާން ސްޕޮންސާކުރެއްވި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން މަޖިލީހުގައި އިއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
އޭގެފަހުން އެ ބިލުގެ ބަހުސް ނިންމައި އޮތީ ކޮމިޓީއަށް ފޮނުވާފަ އެވެ.
އެ ބިލު އިތުރަށް ދިރާސާކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ މިއަދު އެވެ.
ބިލުގައި ވޭޕްގެ އާލާތްތަަކާއި ފްލެވާތައް މުޅިން މަނާކުރަން ހުށަހަޅާފައިވާއިރު، 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރަން ވެސް ވަނީ ހިމަނާފަ އެވެ.
އަދި އޭގެ އިތުރުން ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް ހެއްދުމާއި މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެ އެވެ.