ޚަބަރު

ތިން ރިސޯޓަކާއި ސަފާރީއަކުން ޓެސްޓުކުރި މީހުން ކޮވިޑް-19އަށް ނައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ތިން ރިސޯޓަކާއި ސަފާރީއަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރި މީހުން ބައްޔަށް ނައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު، ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް، ޖޭ.އޭ. މަނަފަރު މޯލްޑިވްސް ރިސޯޓު އަދި މާހާ ސަފާރީން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.

ނަތީޖާތައް ނެގެޓިވް ވުމުން އެ ތިން ރިސޯޓާއި ސަފާރީ މިހާރު މޮނީޓަރިންގެ ހާލަތުން ނެގިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލި ޖެހުނު މީހުންގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭއިރު، އޭނާއާއި ދެން މި ބައްޔަށް ފަރުވާ ހޯދަމުންދާ ބިދޭސީންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!