އިހްސާންކަމަކީ އިސްލާމްކަމާއި އީމާންކަމަށް ފަހު، މުއުމިނެއްގެ ހަޔާތުގައި ނުހަނު މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެއް ކަަމަށާއި އެއީ މުކައްލަފެއްގެ އެންމެހާ އަމަލުތަކުގައި ހުރުން ލާޒިމު ސިފައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
އިހްސާންކަމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ އެއީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އަދި ހެޔޮކޮށް ހިތުން ކަަމަށެވެ. އެއީ އިސްލާމްކަމާއި އީމާންކަމަށް ފަހު، މުއުމިނެއްގެ ހަޔާތުގައި ނުހަނު މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެއް ކަމަށެވެ. އިހްސާންކަމުގެ އަނެއް މާނައަކީ ކަމޭހިތުމާއި އޯގާވެރިވުމާ އަދި ހެޔޮކޮށް ހިތުން ކަމަށެވެ.
އިހްސާންކަމަކީ މުކައްލަފެއްގެ އެންމެހާ އަމަލުތަކުގައި ހުރުން ލާޒިމު ސިފައެކެވެ. އޭނާގެ އިސްލާމްކަމާއި އީމާންކަމާއި އަޅުކަމުގަ އެވެ. އޭނާ އެހެންމީހުންނާ ކުރާ މުއާމަލާތުގައްޔާއި އަމިއްލަ ނަފުސަށް ކުރާ މުއާމަލާތުގަ އެވެ. އޭނާގެ މާލީ މުއާމަލާތާއި އަބުރު ހިފެހެއްޓުމާއި އިލްމު އުނގެނުމުގެ އިތުރުން އެންމެހާ އަމަލުތަކުގަ އެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި އަޅުކަމުގައި އިހްސާންތެރިކަމަކީ މާތް ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، އެކަލާނގެ އާ އެހެން ފަރާތެއް ބައިވެރިނުކުރުން ކަަމުގަ އެވެ. ހުރިހާ ކަމެއް މިންވަރުކުރައްވަނީ މާތް ﷲ ކަން ގަބޫލުކޮށް، މިންވަރަށް އީމާންވުމަކީ ވެސް އިހްސާންކަމުގެ ތެރެއިންވާ ކަމެއް ކަމުގަ އެވެ. މުއުމިނުންގެ ބައެއް ސިފަ ބަޔާންކުރައްވައި، ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ.
"މުއުމިނާގެ ކަންކަމަކީ، އަޖައިބެކެވެ. ހަމަކަށަވަރުން އޭނާގެ ކަންކަމަކީ، މުޅީން ވެސް ހެޔޮކަންކަމެވެ. އެއީ މުއުމިނާ ފިޔަވައި، އެހެން މީހަކަށް ލިބިގެންވާ ސިފައެއް ނޫނެވެ. އޭނާއަށް އުފާވެރި ކަމެއް މެދުވެރިވެއްޖެ ނަމަ އެކަމަށް ޝުކުރުކުރެ އެވެ. އެކަން ވަނީ އޭނާއަށް ހެޔޮކަމެއް ކަމަށެވެ. އަދި ހިތާމަވެރިކަމެއް ޖެހިއްޖެ ނަމަ އެކަމަށް ކެތްކުރެ އެވެ. ފަހެ އެކަން ވެސް ވަނީ އޭނާއަށް ހެޔޮކަމެއް ކަމަށެވެ."
އިހްސާންކަމަކީ ޝަހާދަތުގެ ދެކަލިމަ ތެދުކޮށް، އެއާ އެއްގޮތަށް އަމަލު ކުރުމެވެ. މާތް ﷲ އަށް އީމާންވުމާ އެކު، ކީރިތި ރަސޫލާއަށް ފުރިހަމައަށް ތަބައަވުމެވެ. އިހްސާންކަމުގެ މަތިވެރި ސިފަ ލިބިގެންވާ މުއުމިނާ، އޭނާގެ އަޅުކަމުގައި މާތް ﷲ އަށް އިހްލާސްތެރިވާނެ އެވެ. ނަމާދުގައި ދެއްކުންތެރިކަމެއް ނުހުންނާނެ އެވެ. ގިޔާމާއި ރުކޫއާއި ސުޖޫދުގައި މަޑުމައިތިރިވާނެ އެވެ. ޒަކާތް ނެރޭނީ ﷲ ގެ ރުހިވޮޑިގަތުން އަދައިގެންނެވެ. އޭނާ ﷲ ދެއްވި ނިއުމަތަށް ޝުކުރުވެރިވާ ހާލު، ވާޖިބު ޒަކާތުގެ އިތުރުން ގިނަގިނައިން ސަދަގާތްކޮށް އުޅޭނެ އެވެ. އިހްސާންތެރިޔާ ރޯދަ ހިފާނީ ކެއިންބުއިން ދޫކޮށްލުމުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އޭނާ ރޯދައަށް ހުންނައިރު، އޭނާގެ ދުލާއި ލޮލާއި ހިތާއި އެންމެހާ ގުނަވަންތައް އުރެދުންތަކުން އެއްކިބާކުރާނެ އެވެ. ބެލުންތައް ތިރިކޮށް، ބަސްމަގު ރީތި ކުރާނެ އެވެ. އަނިޔާވެރި އަމަލުތަކުން އޭނާގެ އަތްފައި ރައްކާތެރި ކުރާނެ އެވެ. ފާފަވެރިވާ ފަދަ ކުށްހީތަކުން އޭނާގެ ހިތް ރައްކާތެރި ކުރާނެ އެވެ.
މިއަދުގެ ހުތުބާގައި ބުނީ އިހްސާންކަމުގެ ތެރޭގައި އަޅުތަކުންގެ މައްޗަށް އިހްސާންތެރިވުން ހިމެނޭ ކަމަށެވެ. އޭގެތެރެއިން އެންމެ އައުލާކަން ބޮޑު ބަޔަކީ މައިންބަފައިން ކަމަށެވެ. ގާތްތިމާގެ މީހުންނާ އޮންނަ ރަހިމުގެ ގުޅުން ދެމެހެއްޓުންވާ ކަމަށެވެ. އެއީ އުމުރާއި ރިޒްގުގައި ބަރަކާތް ލައްވައި، މަރުމަތި އަމާންވާނޭ ކަމެއް ކަަމަށެވެ. ހަމައެފަދައިން ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމަށް މަގުފަހިވާ ކަމެއް ކަަމަށެވެ.
ގާތްތިމާގެ މީހުން ފިޔަވައި ޔަތީމުންނާއި މިސްކީނުންނާއި ހަނގުރާމައިގެ އަސީރުން ފަދަ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދީ، ކާންދީ އުޅުމަކީ ވެސް އިހްސާންތެރިކަމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށް ވެސް ހުތުބާގައި ފާހަަގަކުރި އެވެ.