މީސްމީޑިއާގައި އެންމެ ނުފޫޒުގަދަ ދިވެއްސަކީ ކާކު؟
މީސްމީޑިއާގެ އެންމެ އާންމު ދެ މަންސައަކީ ފޭސްބުކާއި ޓުވިޓާއެވެ. ފޭސްބުކަކީ އެންމެންގެ ޙާލަތު އަންގައިދޭ ނޯޓިސް ބޯޑެވެ. ކެއުމާއި ނިދުމާއި މިނޫން ވެސް އެންމެހައި ކަންތައްތަކުގެ އެންގުންތަކުގައި ރައްޓެހިން ތަތްކޮށް އަރުވާ އިއުލާންތަކާއި ލޯބިވެރިން އެކަކު އަނެކަކަށް އިއްވައިދޭ ރީތި ރާގުތަކަކީ ފޭސްބުކްގައި އާންމު ޕޯސްޓްތަކެވެ. ހަމައެހެންމެ ސިޔާސީ އިސްވެރީންނާއި ފަންނުވެރީންގެ ޕޯސްޓްތަކުގެ އިތުރުން އިސްލާމްދީން ފަތުރާ ، ހޭލުންތެރިކުރުވުމަށް ބޭނުންކުރާ ޕޯސްޓްތަކަކީ ވެސް އޭގެ އަސަރު އިންތިހާއަށް ފެތުރިގެންދާ ޕޯސްޓްތަކެވެ. މި ޕޯސްޓްތަކުން ނުވަތަ މީސްމީޑިއާގެ މިދެންނެވި ދެ މަންސައިން އެންމެ ބޮޑު ނުފޫޒެއް ނުވަތަ އެންމެ ގިނަ މީހުންގެ ބައިވެރިވުން ލިބޭ ދިވެއްސަކީ ކާކު ހެއްޔެވެ؟ ކިޔުންތެރިން ގޮތެއް ނިންމަވާށެވެ.
ޢަލީ ރަމީޒު
ލަވަޔާއި މިޔުޒިކްގެ ހަޔާތުގައި ވެސް އޭނާއަކީ އެތައް ދިވެހިންގެ ހިތްތައް ފަތަހަކުރި މީހެކެވެ. ފަހުން އިޚްތިޔާރުކުރީ މިޔުޒިކާއި ދުރުވެ ، އިސްލާމްދީނުގެ މަގުގައި ހުރުމެވެ. އަލީ ރަމީޒުގެ އެދުމަކީ ވެސް އޭނާގެ ލަވަތައް އަޑު ނޭހުމެވެ. އެއީ އޭނާއަށް އުނދަގޫތަކެއް ކުރުވާކަމެކެވެ. މިޔުޒިކުން ދުރުވި ދުވަސްވަރުގައި އޭނާއަށް މީހުންގެ މަލާމާތާއި ފުރައްސާރަ އިންތިހާއަށް ކުރިމަތިވިއެވެ. ނަމަވެސް އޭގެ ސަބަބުން އޭނާގެ އަޒުމަކަށް ބަދަލެއް ނައެވެ. އޭނާގެ މިޝަންގައި ދަނީ ކުރިއަށެވެ. ދީނުގެ ސައްޙަ މައުލޫމާތު ފެތުރުމުގައި އޭނާ ދަނީ ޓީވީ ޕްރޮގްރާމްތައް ހުށަހަޅާ ، ވީޑިއޯތައް ތައްޔާރުކޮށް އާންމު ކުރަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން އުފުލަމުންދާ ދަތި އުނދަގޫ ކަންކަން އޭނާގެ ފޭސްބުކާއި ޓުވިޓާ އެކައުންޓްގައި ދަނީ އާންމު ކުރަމުންނެވެ. ހަމައެހެންމެ ރާއްޖޭގެ ސިޔާސީވެށީގައި ހިނގާ ދީނާ ނުގުޅޭ ކަންކަމަށް ވެސް ފާޅުގައި އިންކާރު ކުރާ މީހުންގެ ތެރޭ ހުންނަ އެކަކީ އަލީ ރަމީޒެވެ.
ޢަލީ ރަމީޒުގެ އެއްވެސް އެކައުންޓަކީ ''ވެރިފައިޑް''އެކައުންޓެއް ނޫނެވެ. އޭނާއަށް އެކަން މުހިންމު ނުވަނީކަމާމެދު ޝައްކެއް ނެތެވެ.
ފޭސްބުކްގައި ޢަލީ ރަމީޒުގެ ހަރަކާތްތައް މިހާރު ބަލާ މީހުންގެ އަދަދަކީ 95،210 އެވެ.ޓުވިޓާގައި އޭނާ ފޮލޯކުރާ 16300 މީހުން އެބަތިއްބެވެ. އަދި ހަތަރުހާހަށްވުރެ ގިނަ މީހުން އޭނާގެ ޔޫޓިޔުބް ޗެނަލް ސަބްސުކްރައިބްކޮށްފައި ވެއެވެ. އަލީ ރަމީޒުގެ ފޭސްބުކް ޕޯސްޓްތަކަށް ބަލާލާއިރު އެތައް ސަތޭކަ ބަޔަކު އޭނާގެ ހަމަ ކޮންމެ ޕޯސްޓަކަށް ރިއެކްޓްކޮށް ޝެއަރކުރެއެވެ. އެތައް ބަޔަކު ކޮމެންޓްކުރެއެވެ. ޔަގީނުން ވެސް ޢަލީ ރަމީޒަކީ ވަރަށް ގިނަ ދިވެހިންގެ ލޯތްބާއި އިޙްތިރާމް އޮތް ހިތްވަރުގަދަ ސަޚްސިއްޔަތެކެވެ.
މުޙައްމަދު ނަޝީދު
މީސްމީޑިއާގައި އެންމެ ނުފޫޒުގަދަ ދިވެހީންގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދަކީ އެލިސްޓުގެ އެންމެ ކުރީ ސަފުގައި ފާހަގަ ކޮށްލެވޭ އެކެކެވެ. ރާއްޖޭގެ އެތައް ބައެއްގެ ނުރުހުން އޮތް ނަމަވެސް އެންމެ ގިނަ މީހުންގެ ތާއީދު އޮތް ސިޔާސީ އިސްވާރަކީ ވެސް އެމަނިކުފާނެވެ. ނުވަތަ އެންމެ ތާއީދު ބޮޑު އެއް ސިޔާސީ އިސްވާރަކީ ވެސް އެމަނިކުފާނެވެ.
ސިޔާސީ އިސްވާރަކަށް ވީހިނދު އެމަނިކުފާނުގެ މީސްމީޑިއާ އެކައުންޓްތަކުގެ މިސްރާބަކީ ވެސް ސިޔާސީ މައިދާނެވެ. ދުނިޔޭގައި ހިނގާ އެންމެހައި ސިޔާސީ ކަންކަމާއި ގުޅުވައިގެން ޓުވީޓް ކުރައްވައެވެ. އަދި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ މެމްބަރުންނަށް ދޭން ބޭނުންވާ މެސެޖުތައް ދިނުމުގެ މެދުވެރިއަކަށް ވެސް މީސްމީޑިއާ ބޭނުން ކުރައްވައެވެ.
އަވަށްޓެރި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތާއި ވެސް ނުހަނު ގާތް ގުޅުމެއް ބަހައްޓަވަމުންގެންދަވާ ރައީސް ނަޝީދު އެދެގައުމާއި ގުޅޭ ކަންކަމުގައި ގިނައިން ބަސް ވިދާޅުވެއެވެ. ޓްވިޓާގައި މަޝްހޫރު އެލެކްސް އަޙުމަދަކީ ވެސް އެމަނިކުފާނުކަމަށް ބެލެވޭއިރު އެލެކްސް އަޙުމަދުގެ ބޭނުމަކީ ރައީސްގެ ދަރަޖައަށް ވުރެ ތަންކޮޅެއް "ތިރިން" ދޭ މެސެޖުތައް ދިނުންކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ބޭރު ޤައުމުތަކުގައި ފާހަގަ ކުރާ ދުވަސްތަކުގައި އެޤައުމުތަކަށް ތަހުނިޔާ ކިޔުމާއި، ތައުޒިޔާ ކިޔަންޖެހޭ ޙާލަތްތަކުގައި ތަޢުޒިޔާ ކިޔުމާއި، ދީނީ ކަންކަމާއިމެދު ބައެއްފަހަރު ފާޑު ވިދާޅުވުމަކީ ވެސް އެމަނިކުފާނުގެ ކިބައިން ފެންނަ ކަންކަމެވެ.
ޓުވިޓާގައި ރައީސް ނަޝީދުގެ ފޮލޯވަރުންނަށް ބަލާއިރު 224،700 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ނަމަވެސް އެމަނިކުފާނު ފޮލޯ ކުރަނީ 44 މީހުންނެވެ. ޓްވިޓާގައި އެމަނިކުފާނު ކުރާ ބައެއް ޕޯސްޓުތަކަކީ މަދު ފަހަރެއްގައި ރިއެކްޝަންތައް މަދު ޕޯސްޓްތަކެއް ނަމަވެސް އާންމުކޮށް އެމަނިކުފާނުގެ ޓުވީޓްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން އެތައް ސަތޭކަ ބަޔަކު އަލުން ޓުވީޓްކޮށް ބަސްބުނެ ހަދާ ޓުވީޓްތަކެވެ.
ރައީސް ނަޝީދުގެ ފޭސްބުކް އެކައުންޓަށް ލައިކް ކޮށްފައިވަނީ 69،025 މީހުންނެވެ. ފޭސްބުކްގައި އެމަނިކުފާނު ކުރައްވާ ޕޯސްޓްތަކަކީ ވެސް ތަރުހީބު ބޮޑު ޕޯސްޓްތަކެކެވެ. އެމަނިކުފާނުގެ ޓުވިޓާ އާއި ފޭސްބުކް އެކައުންޓަކީ ވެސް ވެރިފައިޑް އެކައުންޓްތަކެވެ.
ޢަލީ އަޝްފާގު
ފުޓްބޯޅަ ކެރިއަރުގެ ފަހު އަހަރުތައް ގުނަމުންދާ ރާއްޖޭގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގަކީ މުޅިން ތަފާތު ކުޅުންތެރިއެކެވެ. ކޮއްޓުމާއި ނެއްޓުމާއި ސުޕީޑާއި ގޯލް ޖަހާ ރޭޓަށް ބެލި ނަމަވެސް އެފަދަ އެހެން ކުޅުންތެރިއެއް ދިވެހި ގައުމު ދެކެފައެއް ނުވެއެވެ. އޭނާގެ ކެބިނެޓްގައި ހުރި ޓްރޮފީތަކުގެ ތަފްސީލާއި ފަރުދީ ރެކޯޑްތަކަކީ ދިގު ލިސްޓެކެވެ.
ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގު ނުވަތަ ދަގަނޑޭ ވެފައިވަނީ މި ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ.
މިހުރިހާ ސަބަބުތަކަށް ޓަކައި ދަގަނޑޭ ވެފައިވަނީ ދިވެހިންގެ ލޯތްބާއި އިހްތިރާމް ބޮޑު ސަޚްސިއްޔަތަކަށެވެ. ސޯޝަލް މީޑއާގައި ވެސް އޭނާގެ ނުފޫޒު ބޮޑެވެ. 76،189 މީހުން ފޮލޯ ކުރާ އަޝްފާގުގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް އޭނާ ދަނީ ކުޅިވަރުން ރާއްޖެއަށް ލިބޭ ކާމިޔާބީ ހިއްސާ ކުރަމުންނެވެ. ހަމައެހެންމެ ގައުމީ މުނާސަބަތުތަކުގައި މަރުޙަބާ ކިޔުމުގެ އިތުރުން ގައުމީ ކަންކަމުގައި ރައްޔިތުންނަށް ހިތްވަރު ދިނުމުގައި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހަރަކާތްތެރިއެވެ.
އަލީ އަޝްފާގުގެ ފޭސްބުކާއި ޓުވިޓާ އެކައުންޓްތަކަކީ ވެރިފައިޑް އެކައުންޓްތަކެވެ. ޓުވިޓާގައި 16600 މީހުން އޭނާ ފޮލޯ ކުރާއިރު އަޝްފާގު ފޮލޯ ކުރަނީ 30 މީހުންނެވެ.
އުނޫޝާ
އުނޫޝާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާއެވެ. އަދި މިހާތަނަށް ބޮލީވުޑްގެ ފިލްމަކަށް ލަވަކީ ހަމައެކަނި ދިވެހި ލަވަ ކިޔުންތެރިޔާއެވެ. މޯލްޑިވިއަން އައިޑޮލްގެ ތިން ސީޒަންގައި ވެސް ޖަޖެއްގެ ގޮތުގައި މަސައްކަތްކުރި އުނޫޝާއަކީ ވެސް ދިވެހިންގެ މެދުގައި މަޤުބޫލް ފަންނާނެކެވެ. އުނޫޝާގެ ފޭސްބުކް ޕޭޖަކީ އެންމެ ގިނަ މީހުން ފޮލޯ ކުރާ ޕޭޖެވެ. 95،996 މީހުން އުނޫޝާގެ ޙަރަކާތްތައް ފޭސްބުކް މެދުވެރިކޮށް ބަލަން ބޭނުންވި ނަމަވެސް އުނޫޝާ ފެންނަނީ ފޭސްބުކާއި އެހާ ރައްޓެހި ނޫން ފަންނާނެއް ގޮތަށެވެ.
އުނޫޝާގެ ފޭސްބުކް ޕޭޖް ވެރިފައިޑް ނަމަވެސް އޭނާގެ ޓުވިޓާ އެކައުންޓަކީ އަދި ވެރިފައިޑް އެކައުންޓެއް ނޫނެވެ. ޓުވިޓާގައި އުނޫޝާ ފޮލޯ ކުރާ 9171 މީހުން ތިބިއިރު އޭނާ ފޮލޯ ކުރަނީ 34 މީހުންނެވެ.