މީޑިއާ ބިލު އަނބުރާ ގެންދަން ހަންނާން ނިންމަވައިފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޮޑްކާސްޓިން ކޮމިޝަން އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު' އަނބުރާ ގެންދިއުމަށް ބިލް ހުށަހެޅިއްވި މެންބަރު, ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ނިންމަވައިފި އެވެ.
އެކަން މެންބަރު ވަނީ "ދެން" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ހަންނާން ވިދާޅުވީ އެ ބިލް ނަގަން މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މި ނިންމީ ވަގުތު ބޭކާރު ނުކޮށް މި ބިލް ނަގަން. ރައީސް އެގޮތަށް ނިންމެވީމާ ކުރިއަށް ނުދާ އެއްޗަކަށް ބަހުސް ކުރުމުގެ މާނައެއްވެސް ނެތް ކަންނޭނގެ"
އެ ބިލު އަނބުރާ ގެންދަން ނިންމާފައިވަނީ އެ ބިލު ބޭރުކޮށްލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.
އެ ބިލާ ދެކޮޅަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން މަސައްކަތްތަކެއް ކޮށްފައިވާއިރު ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިސް ނަގައިގެން 'ހަތަރެއްގެ ހައްގުގައި' ނަމުގައި ކެމްޕެއިނެއްވެސް ފަށާފައިވެ އެވެ.
ބިލުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލެވޭނެ ކަމަށާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ނަމުގައި އުފައްދާ ކޮމިޝަނުގައި ތިބޭނީ 7 މެމްބަރުން ކަމަށެވެ.
އޭގެތެރެއިން 4 މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ބާކީ ތިން މެމްބަރުންނަކީ މީޑިއާއިން އިންތިހާބުކުރާ މެންބަރުން ކަމަށްވި ނަމަވެސް އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދެނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށެވެ.
އޭގެ އިތުރުން ބިލުގައި ވަނީ ނޫސް މަޖައްލާއެއްގެ ރަޖިސްޓްރީ ބާތިލުކުރާނެ ހާލަތްތަކާއި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް އޮތް ފަރާތަކުން ސުލޫކީ މިންގަނޑާ ނުވަތަ ލައިސަންސް ދިނުމުގެ ޝަރުތަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފަ އެވެ. އަދި ނޫސް މަޖައްލާއަކުން ނުވަތަ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކާއި ކުރެވޭނެ ޖޫރިމަނާތައް ބިލުގައި ވަނީ ހިމަނާފަ އެވެ.