ޚަބަރު

ފުލުހުންނަކީ އޯގާތެރިކަމުން ރައްޔިތުން ކިޔަމަންތެރިކުރާ ބަޔަކަށް ވާން ޖެހޭ: ރައީސް

ދެން އެމްވީ

ޤާނޫނުގެ ބާރަށް ވުރެ، ހިނިތުންވުމާއި އޯގާތެރިކަމުން، ރައްޔިތުން ކިޔަމަންތެރިކުރާ ބަޔަކަށް ދިވެހި ފުލުހުންވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރަށް ވުރެވެސް ބޮޑަށް، ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު ރައްޔިތުންނާ މުއާމަލާތު ކުރާ ބަޔަކަށް ފުލުހުންވުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތެއް އޮތުމުގެ، އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ޙިމާޔަތް ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުންކަމަށެވެ. ރައީސްގެ ޚިޠާބުގައި މިއަހަރު ފުލުހުންގެ ދުވަސް ދިވެހިންނާ މި ބައްދަލުކުރަނީ، ދިވެހި ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި، ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ޙަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައިކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުނަސް، މަދަނީ ޚިދުމަތަކަށް ބަދަލުވި ފަހުން އަދި މިވީ އެންމެ 16 އަހަރުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނަމަވެސް މި މުހިންމު މަސައްކަތް ކާމިޔާބުކުރުމަށް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. މި ހިނގާ 5 އަހަރަށް އެކުލަވާލާފައިވާ، އިސްތިރާޖީ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުވެގެން އަންނަ އިރު، ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ބޮޑަށް، މި މުއައްސަސާއަށް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. ދިވެހި ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް، މަޖިލީހުން ފާސްވެ ޤާނޫނަކަށް ވުމުން، ފުލުހުންގެ ޚިދުމަތް ހަރުދަނާވެ، ފުލުހުންގެ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. ހަމައެފަދައިން، މުޖްތަމަޢުގައި އާލާވަމުން އަންނަ އާބާވަތްތަކުގެ ކުށްތައް ހުއްޓުވައި، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލެވޭ ފަދަ ޤާބިލު މުއައްސަސާއަކަށް، ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުވެގެން ދިއުމަށް މަގުފަހިކޮށްދޭނެ ކަމަވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޚިޠާބުގައި އައްޑޫ ސިޓީގައި މިހާރު ބިނާކުރަމުން އަންނަ، ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު، މިއަހަރުގެ ތެރޭގައި ހުޅުވައި، އެތަނުގައި ފުލުހުން ތަމްރީނުކުރަން ފެށުމުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށާއި، އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމުކޮށްދީ، ޞުލްޙަ މަސަލަސްކަމުގައި ދިރިއުޅެވޭނެ ކަމުގެ ޔަޤީންކަމާއި އިތުބާރު ހޯދައިދިނުމަށްޓަކައި، މުޖްތަމަޢުގައި ހިންގާ ކުށުގެ އެންމެހައި ޢަމަލުތައް މަދުކުރުމަށް، ދިވެހި ފުލުހުން މިހާރަށް ވުރެ މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުން ކުރާ މުހިންމު މަސައްކަތުގެ ނަތީޖާ ފެންނާނީ، ވަށައިޖެހިފައިވާ ނިޒާމެއްގެ ގޮތުގައި، ހުރިހާ މުއައްސަސާތަކެއް އެކީގައި އެއް މިންވަރަކަށް މަސައްކަތްކޮށް ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް، ފުރިހަމަ ރައްކާތެރިކަމާއި ޙިމާޔަތް ހޯދާދިނުމަށް، ފުލުހުންގެ މުއައްސަސާއިން ކުރަންޖެހޭ އެންމެހާ ކަންކަން ކުރެވޭކަން، ރައްޔިތުންނަށް ކަށަވަރު ކޮށްދީގެންކަން ރައީސް ފާޙަގަކުރައްވާފައެވެ.

ދިވެހި ފުލުހުންނާ މެދު ރައްޔިތުން ކުރާ އުންމީދު ވަރަށް ބޮޑުކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މިހާރަށް ވުރެވެސް ބޮޑަށް، ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު ރައްޔިތުންނާ މުއާމަލާތު ކުރާ ބަޔަކަށް ފުލުހުންވުމަށް އެދިވަޑައިގެންފައެވެ. އަދި މުޖްތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަދާކުރަމުން އަންނަނީ، ވަރަށް މުހިންމު ދައުރެއްކަމަށާއި، މާލެ އާއި އަތޮޅުތަކުގައި މަސައްކަތްކުރާ، ހަމަ ކޮންމެ ފުލުހެއްގެ ހީވާގި ޤައުމީ ޚިދުމަތް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ހުރިހާ ފުލުހުންނަށާއި، ފުލުހުންގެ ޚިދުމަތުގެ އެހެނިހެން މުވައްޒަފުންނާއި ފުލުހުންގެ ޢާއިލާތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނުގެ ޚިޠާބު ނިންމަވާލެއްވީ ފުލުހުންނާއި ރައްޔިތުންގެ ގުޅުމަކީ، އެއް ޢާއިލާއެއްގެ އެކަކު އަނެކަކާ ދެމެދު އޮންނަންޖެހޭ ފަދަ ހިތްހެޔޮ، އުފާވެރި ގުޅުމެއްކަމަށް ސިފަކުރައްވާ، ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައި، އެންމެ ފުރަތަމަ އެހީތެރިކަމަށް އެދި ގޮވާލަން ތިބޭނެ އެއް ބަޔަކީ ވެސް ފުލުހުންކަން ހަނދާންކޮށްދެއްވަމުންނެވެ. އަދި ޤާނޫނުގެ ބާރަށް ވުރެ، ފުލުހުންގެ ހިނިތުންވުމާއި އޯގާތެރިކަމުން، ރައްޔިތުން ކިޔަމަންތެރިކުރާ ބަޔަކަށް ވެވަޑައިގަންނަވަން ފުލުހުންނަށް އިލްތިމާސް ކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!