ޚަބަރު

ބޭރުގެ ސިފައިން ތިބޭނަމަ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްއެންޑީއެފްއާއި އިންޑިއާގެ ނޭވީގެ ބޭފުޅުން--

ރާއްޖެއިން ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.

Ads by MWSC
އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

މިއަދުގެ ޖަލްސާއަށް ތައާރަފްކުރި ބިލްގެ ބަހުސް މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސްކުރީ މިއަދު މެންދުރު އެވެ.

އަދި ހަވީރު ހާއްސަ ޖަލްސާއެއް ބާއްވައި އެ ބިލު ވަނީ ފާސްކޮށްފަ އެވެ.

އެ ބިލު ފާސްކުރީ 78 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލްގެ 4 ވަނަ އިސްލާހުގައި ވަނީ ގާނޫނު އަސާސަިގެ 251 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ގާނޫނު އަސާސީގެ އެ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެނެއްނުވާނެ ކަމަށެވެ

ހުށަހަޅާފައިވާ އިސްލާހުގައި އިތުރަށް ބުނެފައިވަނީ އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި, މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްތުން ފާސްވެގެން މެނުވީ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދުގައި ބާރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެނެއްނުވާނެ ކަމަށެވެ.

އެ ބިލްގެ 1 ވަނަ އިސްލާހުގައި ވަނީ ގާނޫނު އަސާސީގެ 3 ވަނަ މާއްދާގެ އިސްލާހުތަކެކެވެ. އެ މާއްދާއަކީ ދިވެހިރާއްޖޭގެ ސަރަހައްދެވެ.

އެ މާއްދާގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެމަތީން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި ޖައްވާއި ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި އެ ކަނޑާ ގުޅިފައިވާ ޖައްވެއް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށް މާއްދާގައި ބުނެ އެވެ.

އެ މާއްދާގެ (ށ) ގެ ގޮތުގައި ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ރާއްޖޭގެ އެތެރޭ ކަނޑާއި ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑާ ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށެވެ.

އެ އިސްލާހަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ރާއްޖޭގެ އެތެރޭ ކަނޑާއި ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑާ ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށެވެ.

އެ އިސްލާހަަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ތާއީދު ކުރެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!