ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒު ކޮށްދޭން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓުތައް ފްރީޒު ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތްތައް މާދަމާ ފެށުމަށް ނިންމައިފިއެވެ.
އެގޮތުން މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހާމަކޮށްފައެވެ.
ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައިވާ ޚިޔާނާތުގެ އެއްމިލިއަން ޑޮލަރު ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.
ހުކުމާ ހިސާބަށް ގޮސްފައިވާ މި މައްސަލަ އެންމެ ފުރަތަމަ ބަލަން ފަށާފައި ވަނީ މިހާރު މަގާމުން ވަކި ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.
އެންމެ ފަހުން މައްސަލައިގެ އަޑުއެހުމެއް މިދިޔަ އަހަރުގެ މެއި މަހުގެ 16ވަނަ ދުވަހުއެވެ.
އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހައިކޯޓުން ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރުމަށް ކުރި އަމުރު ބާތިލް ކުރުމުން އެ ހުކުމް ބާތިލް ކޮށްދިނުމަށާއި އަދި ރައީސް ޔާމީންގެ ނަން މަތީިގައި ބީއެމްއެލް އަދި މޮރީޝަސްގައި ހުރި އެކައުންޓެއް ފްރީޒު ކޮށްދިނުމަށް އެދިފައެވެ. އަދި އިސްލާމިކް ބޭންކުގައިވާ އެކައުންޓުތައް ފްރީޒު ކުރުމަށް ކޮށްފައިވާ އަމުރުވެސް ހައިކޯޓުން ބާތިލް ކޮށްފައިވާތީ ހައިކޯޓުގެ ހުކުމް ބާތިލް ކޮށްދިނުމަށް ތަކުރާރުކޮށް ވަނީ އެދިފައެވެ.
އެދުވަހުގެ މައްސަލަ ނިންމާލައްވާ އޭރުގެ އުއްތަމަ ފަނޑިޔާރު ވަނީ ދެން މައްސަލައިގެ އޮންނާނީ ހުކުމް އިއްވުން ކަމަށް ވިދާޅުވެފައެވެ.