ކޮވިޑް-19: އައްޑޫގައި ޑޮކްޓަރަކާއި ދެ ނަރުހުން އެކަހެރި ކޮށްފި
ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި ޑޮކްޓަރަކާއި ދެ ނަރުހުން އެކަހެރިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަހެރިކޮށްފައިވާ 3 މީހުންނަކީ ރާއްޖެ އައި މީހަކު ބެލި ޑޮކްޓަރަކާއި ދެ ނަރުހުންނެވެ.
ކޮވިޑާއާ ގުޅިގެން އައްޑޫ އިން ބަޔަކު އެކަހެރިކޮށްފައިވާކަން މި ބައްޔާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނެވި ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
އެމީހާ ރާއްޖެ އައިސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިންނެވެ. އަދި އޭނާ ރޯގާގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގޮސްފައިވަނީ ރޭ ފަތިހުއެވެ.
އެގޮތުން ޑޮކްޓަރުން އެމީހާ ބަލަމުންދަނިކޮށް އޭނާ ވަނީ އޭނާ އަކީ އިންޑިއާ އިން އައި މީހެއް ކަމަށް ބުނެފައެވެ. އެއާއެކު އޭނާ ބެލި ޑޮކްޓަރާއި ދެ ނަރުހުން ހިތަދޫ ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމެއްގައި އަމިއްލަ އަށް އެކަހެރިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާ އަކީ މި ބަލީގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ގައުމެކެވެ.
އަދި ރޯގާގެ އަލާމާތްތައް ހުރެގެން ހޮސްޕިޓަލަށް ދައްކަންދިޔަ މީހާ މިވަގުތު ހުރީ ހޯމް އައިސޮލޭޝަންގައެވެ.