ޚަބަރު

އާ ސީޕްލޭން ޓާމިނަލް ނިންމޭނީ މިއަހަރުގެ ދެވަނަ ކުއާޓަރަށް: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމް ކުރާ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމޭނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް މިރޭ ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައި ވަނީ އާ ސީޕްލޭން ޓާމިނަލް ހުޅުވިގެންދާއިރު ދިވެހި ރައްޔިތުން ފަޚުރުވެރިވާނެ ދުނިޔޭގެ އެންމެ ބޮޑު ސީޕްލެންގެ އޮޕަރޭޝަންސް ހިންގާ އިމާރާތަށް އެތަން ވެގެންދާނެ ކަމަށެވެ.

ވީވީއައިޕީ، ލައުންޖު، ޕެސެންޖަރ އަދި ބެގޭޖް ހެންޑްލިން ފެސިލިޓީ، ރީޓޭލް ވިޔަފާރި، އެފްއެންޑްބީ ގެ ޚިދުމަތް ފަސޭހަ ކަމާއެކުލިބޭ ގޮތަށް ތައްޔާރު ކޮށްފައިވާ އަދި އެއާލައިން އޮޕަރޭޓް ކުރާ ފަރާތްތަކާއި ޓާމިނަލް މެނޭޖްކުރާ ފަރާތްތަކުގެ އިދާރީ މަސައްކަތް ކުރާނެ ޖާގަ އެތަނުގައި ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މީގެއިތުރުން، މުވައްޒަފުންގެ ރެސްޓް ރޫމް ފަދަ ތަންތަންވެސް ހިމެނޭ، ޒަމާނާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ އިމާރާތެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

އެމްއޭސީއެލް އިން ބުނީ 26 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އިމާރާތް ކުރެވޭ އެ ކޮމްޕްލެކްސްގައި ހަތަރު ފަންގިފިލާގެ ޓާމިނަލް ފަރުމާ ކުރެވިފައިވަނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތްކުރެވޭ ގޮތަށެވެ.

އެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެއްޓެވި މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!