ވިޔަފާރި

ލޯނުތައް 6 މަހަށް ފަސްކުރިޔަސް އިންޓްރެސްޓް އިތުރެއް ނުވާނެ: ބީއެމްއެލް

ކޮވިޑް-19އާ ގުޅިގެން ލޯނުތަކަށް އިތުރުކޮށްދޭ ހަމަހުގައި އެލޯނު ތަކަށް އިތުރު އިންޓްރެސްޓެއް ނުހިނގާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ފައިސާ ދެއްކުން ފަސްކުރެވިފައިވާ ހަ މަސް ދުވަހަށް ދައްކަން ޖެހޭ އިންޓެރެސްޓް އެ ހަ މަސް ދުވަހު ހިނގާނެ ކަމަށާއި، ހަ މަސް ދުވަސް ނިމުމުން އެ ފައިސާ ލޯނަށް އިތުރުކޮށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް މި އިންޓެރެސްޓަށް އިންޓެރެސްޓް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލުން ބުނެފައި ވަނީ މި ދަނޑިވަޅުގައި ބޭންކުން ވެވެން ހުރި ހުރިހާ އެހީއެއް ވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރައްޔިތުންނަށް ލުއި ގޮތްތައް ހޯދާ ދިނުމަށް ކަމާބެހޭ ބައިނަލްއަގްވާމީ އިދާރާ ތަކާއި ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ފައިސާ ދެއްކުން ފަސްކުރުމަށް އެދި ފަސޭހައިން ހުށައެޅޭނެ ގޮތް މަގުފަހި ކޮށްދިނުމުގެ ގޮތުން ލޯނާ ފައިސާ ނުދައްކާ މަސްތައް އެއް މަހަށް ވުރެ އިތުރު ނުވާނަމަ ފައިސާ ދެއްކުން ފަސްކުރަން ހުށައެޅޭނެ ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ބޭންކިންގެ ކަސްޓަމަރުންނަށް ވެސް މި ލުއި ފަސޭހަތަށް މިގޮތަށް ލިބިގެންދާނެ ކަމަށާއި ހަމައެކަނި ތަފާތު ވާނީ މުރަބަހާ ފައިނޭންސިން އެކަނި ކަމަށް އެކުންފުނިން ބުނެއެވެ.

ބީއެމްއެލްގެ ޕާސަނަލް، ހައުސިން، އަދި ބިޒްނަސް ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް އެކެއް މާޗް 2020 އިން ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!