އަގު ހެޔޮކޮށް، ވިލާ ހަކަތައިން ބިސް ވިއްކަން ފަށައިފި
ވިލާ ހަކަތަ އިން ކުކުޅު ބިސް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ. ވިލާ އިންޑަސްޓްރީސް ގެ ދަށުން ހިންގަމުން އަންނަ ވިލާ ހަކަތައިން ބިސް ވިއްކަން ފަށާފައިމިވަނީ ކޮވިޑް19 އާއިގުޅިގެން ރާއްޖެއަށް އެތެރެކުރަމުން އައި މުދަލުގެ އަދަދު މަދުވެ ތަކެތީގެ އަގުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ އޮންލައިން މީޑިއާއަކަށް މައުލޫމާތު ދެމުން ވިލާ ހަކަތައިގެ ފައިނޭސް ކޮންޓްރޯލާ މަހުމޫދު ރަމީޒު ވަނީ އެކުންފުނިން އާންމުންނަށް ބިސް ވިއްކަން ފެށިކަން ހާމަކޮށްފައެވެ. އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ވިލާ ހަކަތައިން އާންމުންނަށް ހެޔޮ އަގެއްގައި ބިސް ވިއްކަން ފެށީ ބިސް ލިބުން ދަތިވެ، ބޮޑު އަގުގައި ބައެއް ފިހާރަތަކުން ބިސް ވިއްކަމުންދާތީ ކަމަށެވެ.
ކޮންމެ މީހަކަށް ކޭހެއްގެ ރޭޓުން ވިލާ ހަކަތައިން ވިއްކަމުންގެންދަނީ ހައިކޮލެޓީ ބްރައުން ބިހެވެ. ވަކި ބިހެއް 1.80ރ އަށް ވިއްކާއިރު 360 ބިސް ހިމެނޭ ކޭހެއް ވިއްކަނީ 650ރ އަށެވެ.
ވިލާ ހަކަތައިން ވިއްކަމުންދާ ބިސް ވިއްކަމުންދަނީ ވިލާ ޓްރޭޑް ސެންޓަރު-2 އިންނެވެ.
ބާޒާރުގައި ފިޔާ ، އަލުވި އަދި ބިހުގެ އަގު މަތިވަމުން އަންނައިރު އަގު ކޮންޓްރޯލް ކުރުމަށްޓަކައި އެސްޓީއޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެސްޓީއޯއިން ވަނީ ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ.