މިނިސްޓަރ މަލީހް މަސްވެރިކަމުގައި، ވިދާޅުވީ ޒުވާނުންވެސް މަސައްކަތަށް ނުކުންނަން ޖެހޭ ކަމަށް
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހް ޖަމާލް މަސްވެރިކަމުގައި އުޅުއްވާތަން ދައްކުވައިދޭ ވީޑިއޯތަކެއް އެމަނިކުފާނުގެ ޓްވިޓާރގައި ވަނީ ހިއްސާ ކުރައްވާފައެވެ.
މިނިސްޓަރު މަލީހް މަސްވެރިކަމަށް ގޮސް އުޅުއްވާ ފުރަތަމަ ވީޑިއޯ ހިއްސާ ކުރައްވާ ، ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ މިއީ ދިވެހީން ކަމަށާއި ކުރާން ޖެހުނު ކޮންމެ ކަމެއްވެސް ފަހަތަށް ޖެހުމެއް ނެތި ކުރާނެ ކަމަށެވެ.
ހަމައެހެންމެ ދެވަނައަށް ހިއްސާ ކުރެއްވި ވީޑިއޯގައި ވެސް ވަރަށް ބޮޑު ހަގީގަތެއް އެމަނިކުފާނު ވަނީ ހިއްސާކޮށްފައެވެ."ކަނޑަށް ފަރިތަނުވެ ރާއްޖޭގައި ހަގީގީ އުފާވެރިކަން ނުލިބޭނެ ކަމީ" ޝައްކެއް ވެސް ނެތް ކަމެކެވެ. ހަގީގީ ދިވެހީންނަކީ މިއީކަން ފާހަގަ ކުރައްވަމުން މިނިސްޓަރު މަލީހް ވިދާޅުވީ ގައުމު ދޫކޮށް ހިޖުރަ ކުރުމަކީ ހައްލެއް ނޫން ކަމަށެވެ. މި ރާއްޖެ ބިނާ ކުރަން ކޮންމެ މީހަކު ވެސް ހެނދުނު ހޭލާ އާމްދަނީ ލިބޭ މަސައްކަތެއް ކުރަންވީ ކަމުގައި ވެސް މަލީހް ވިދާޅުވެފައި ވެއެވެ.
ޓްވިޓާގައި މިނިސްޓަރ ހިއްސާ ކުރެއްވި ވީޑިއޯތަކާއި ގުޅިގެން އެމަނިކުފާނު "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖޭގައި ވަރަށް ގިނަ ބަޔަކު، ހާއްސަކޮށް ޒުވާނުން ވަޒީފާއަކަށް ނުގޮސް އުޅޭތަން ފެންނަ ކަމަށާއި ގައުމުދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން އެކަމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައެވެ.
"ގައުމެއް ބިނާ ކުރެވޭނީ އެގައުމެއްގެ ހާއްސަކޮށް ޒުވާނުންނަކީ ގައުމުގެ އިޤުތިޞާދަށް ކޮންޓްރިބިއުޓް ކުރާ ބަޔަކަށް ވެގެން"
މިނިސްޓަރު މަލީހް
މިނިސްޓަރ މަލީޙް ވިދާޅުވީ މަސައްކަތުގެ މާނައަކީ ހަމައެކަނި ތަނަކަށް ގޮސް ވަޒީފާ އަދާ ކުރުމެެއް ނޫން ކަމަށާއި އަމިއްލަ މަސައްކަތްތަކަކީ ވެސް ކުރެވިދާނެ ކަންކަން ކަމަށެވެ. އެގޮތުން އެއީ މަސްވެރިކަން ނުވަތަ ދަނޑުވެރިކަން ކަމުގައިވެސް ވެދާނެ ކަމަށާއި މިނޫނަސް ކުރެވޭނެ ބައިވަރު މަސައްކަތްތައް އެބަހުރި ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެންމެން ވެސް ޖޯޝާއި ފޯރިއާއެކު ކޮންމެވެސް މަސައްކަތެއް ކުރުމަށް އެމަނިކުފާނު ވަނީ ހިތްވަރު ދެއްވާފައެވެ.
މިނިސްޓަރ މަލީޙް މަސްވެރިކަމުގައި ހަރަކާތްތެރިވާ ވީޑިއޯތަކެއް ހިއްސާ ކުރެއްވިއިރު މީގެ ކުރިން އެމަނިކުފާނު ގޭގެ ވަޅު ދިޔަ ހިއްކާ ވީޑިއޯއެއް ވެސް ވަނީ އާންމު ކޮށްފައެވެ. މިނިސްޓަރ މަލީޙްގެ މެސެޖު ވަރަށް ސާފެވެ. "ކިތަންމެ މަތީ މަޤާމަކަށް ދިޔަ ނަމަވެސް އިންސާނަކަށް ވީތީ އެމީހާގެ އަސްލު އޮޅުވާލައިގެން ނުވާނެ" އެވެ. އަދި "ކިތަންމެ ބޮޑު މަގާމަކަށް ދިޔަ ނަމަވެސް އެންމެ އާދައިގެ މަސައްކަތް ވެސް ކުރެެވެން ވާނެ" އެވެ.
މިނިސްޓަރ މަލީހްގެ މި ޓްވީޓަށް ބައެއް ބޭފުޅުން ވަނީ ފާޑުވެސް ކިޔުއްވާފައެވެ. އެގޮތުން އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފުވެ މަސްދަތުރުތައް ގޮސް މަޖާކުރުމުގައި އުޅުއްވަނީ ކަމުގައި ބައެއް ފަރާތްތަކުން ތުުހުމަތު ކުރައްވާފައި ވެއެވެ. ނަމަވެސް މިކަން މިނިސްޓަރު މަލީހް ވަނީ ދޮގު ކުރައްވާފައެވެ.