ޚަބަރު

އޮންލައިންކޮށް މަޖިލިސް ބާއްވާ ފުރަތަމަ ގައުމަކަށް ރާއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ވާޗުއަލްކޮށް ނުވަތަ އޮންލައިންކޮށް މަޖިލިސް ބާއްވާ ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެއެވެ.

ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން އެކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށެވެ.

މިގޮތަށް ބާއްވާ ފުރަތަމަ ޖަލްސާ މިއަދު ބައްވާ އިރު، މިދިޔަ ހޮނިހިރު ދުވަހު މިކަމުގެ ރެހާސަލެއް ވަނީ ބާއްވާފައެވެ. މި ރެހާސަލްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ވިއޮން" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ހޯމް އައިސޮލޭޝަން ނުވަތަ ކަރަންޓީންގައި ތިބި އިރު އޭގެ ތެރޭގައި އެހެން ގައުމުގެތަކުގެ މަޖިލިސް މެމްބަރުން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ވެސް މަޖިލިސް ހުއްޓި ރައްޔިތުން ތަމްސީލު ކުރުން ހުއްޓިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ތަޅުމަށް ހާޒިރުނުވެ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން، މަޖިލީހުގެ ރައީސް ނަޝީދު ވަނީ މި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި މަޝްވަރާކުރައްވައިފައެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ނިންމީ މެމްބަރުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށެވެ. އަދި ގޭގައި ތިބެގެން އިންޓަނެޓު މެދުވެރިކޮށް މަސައްކަތް ކުރާނެ އުސޫލެއް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އެކުލަވާލައިފައެވެ.

އެގޮތުން، އޮންލައިންކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް މިއަދު ހެނދުނު 11:00ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާ މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ވަގުތުން ދުރަށް ދައްކާނެއެވެ.

އެ ޖަލްސާގެ އެޖެންޑާ މިހާރު އާންމުކޮށްފައި ވާއިރު، މާދަމާގެ ޖަލްސާގައި އޮތީ ކޮވިޑް19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމާ ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!