ދުނިޔެ

ވުހާން ސިޓީއިން އެކަނި 42 ހާސް މީހުން މަރުވި ކަމަށް އެ ސަރަހައްދުގެ މީހުން ބުނޭ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ޖެހިގެން ވުހާން ސިޓީއިން އެކަނި ވެސް 42 ހާސް މީހުން މަރުވިކަމަށް އެ ސަރަހައްދުގެ އާންމުންނާއި ހަވާލާދީ ޑެއިލީ މެއިލް ބުނެފިއެވެ.

Ads by Sosun Fihaara

މި އަދަދަކީ ޗައިނާއިން ވައިރަހުގެ ސަބަބުން މަރުވި ކަމަށް ރިޕޯޓުކުރި އަދަދަށް ވުރެ ދިހަ ގުނަ އިތުރު އަދަދެކެެވެ. ޗައިނާގެ އިދާރާތަކުން ރިޕޯޓުކޮށްފައިވަނީ 81,439 މީހުނަށް ވައިރަސް ޖެހި 3,300 މީހުން މަރުވިކަމަށެވެ. މީގެ ތެރެއިން 3182 މީހުންގެ މަރު ރިޕޯޓުކޮށްފައިވަނީ ވުހާން އޮންނަ ހުބެއި ޕްރޮވިންސުންނެވެ.

ވުހާން ގެ އާންމު ރައްޔިތުންނާއި ހަވާލާދީ ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮންމެ ދުވަހަކު ޖަނާޒާ ބާއްވާ 7 ތަނެއްގެ ތެރެއިން ކޮންމެ ތަނަކުން 500 މީހުންގެ ހަށިތައް އާއިލާތަކާއި ދަނީ ހަވާލުކުރެވެމުންނެވެ. މަރުވި މީހުންގެ އަންދާލެވިފައިިވާ ހަށިތައް އާއިލާއާއި ހަވާލުކުރުމުން ގެންދަނީ އޭޕްރިލް ފަސް ވަަނަ ދުވަހުގައި އެމީހުންގެ ހަނދާނުގައި އޮންނަ ފެސްޓިވަލަކަށެވެ.

ކަންމިހެން އޮތްއިރު 12 ދުވަހުގެ ތެރޭގައި 42000 ވުރެ ގިނަ މީހުންގެ ހަށި އާއިލާއާއި ހަވާލު ކުރެވިފައިވާނެކަމަށް ޑެއިލީ މެއިލް އިން ކުރި ރިޕޯޓުގައިވެއެވެ.

މިކަން މީހުންގެ ސަމާލުކަމަށް އައިސްފައިމިވަނީ ދެމަސް ދުވަހުގެ މުއްދަތަކަށް އެ ޕްރޮވިންސް ފުރަބަންދުކޮށްފައި ބޭއްވުމަށްފަހު ހުޅުވާލިތަނާއެެވެ. ވުހާން އަކީ ކޮވިޑް19 އެންމެ ފުަރަތަމަ ރިޕޯޓުކުރެވުނު ސިޓީއެވެ.

މި މައްސަލަ ފެންމަތި ވުމާއެކު މަރުވި މީހުންގެ އަދަދުތައް ޗައިނާގެ އިދާރާތަކުން އޮޅުވާލިކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންެނެވެ.

2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާއިން ފެނުނު މި ވައިރަސް މިހާތަނަށް މުޅި ދުނިޔެއިން 7 ލައްކައަށް ވުރެ ގިނަ މީހުނަށް ޖެހި 34 ހާހަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ޗައިނާގައި ބަލި ކޮންޓްރޯލް ވި ނަމަވެސް ޔޫރަޕުގެ ގައުމުތަކުގެ އިތުރުން އެމެރިކާ އަދި އިރާނުގައި ވެސް ވައިރަސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!