ޚަބަރު ސަރުކާރު

ރިސޯޓު ހަދަން ދޫކޮށްގެން ލިބުނު އާމްދަނީ މިދިޔަ 2 އަހަރަށް ވުރެ 106 އިންސައްތަ އިތުރު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް

ރިސޯޓު ހަދަން ބިން ދޫކުރި ފަޅާއި ރަށްރަށުން އެކުއިޒިޝަން އަދި ކޮންވާޝަންގެ ފީގެ ގޮތުގައި މިދިޔަ 2 އަހަރަށް ވުރެ މި އަހަރުގެ ނޮވެންބަރު މަހާ ހަމައަށް ލިބުނު އާމްދަނީ 106 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

Ads by MWSC

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް އެކުއިޒިޝަން ކޮސްޓާއި ކޮންވާޝަންގެ ފީގެ ގޮތުގައި ލިބިފައިވަނީ 437.2 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 40.6 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރާ އަޅާބަލާއިރު އެއީ 976 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ 2 އަހަރުގެ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހާ ހަމައަށް އަޅާބަލާއިރު މި އަހަރުގެ 11 މަހުގެ އާމްދަނީގެ ގޮތުގައި ލިބުނު އަދަދު އިތުރު އެވެ.

އެކުއިޒިޝަން ކޯސްޓު އަދި ކޮންވާޝަންގެ ފީގެ ގޮތުގައި 2022 ވަނަ އަހަރު 158.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިިދިޔަ އަހަރު ލިބިފައިވަނީ 54.0 މިލިއަން ރުފިޔާ އެވެ.

މިދިޔަ 2 އަހަރު ފަތުރުވެރިކަމަށް ފަޅާއި ރަށްރަށް ދޫކޮށްގެން ދައުލަތަށް އާމްދަނީގެ ގޮތުގައި ޖުމްލަ 212 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 437.2 މިލިއަން ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ވަނީ ލިބިފަ އެވެ.

މި އަހަރުގެ މިހާތަނަށް 11 ފަޅާއި ރަށް ފަތުރުވެރި ކަމަށް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އަދި މި ތަންތަނުން އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބިފައިވަނީ 32.6 މިލިއަން ޑޮލަރު ކަމަށް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. މިއީ 506 މިލިއަން ރުފިޔާ އެވެ.

މި ތަންތަނުގެ އިންވެސްޓުމެންޓުގެ އަގު 400 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާއިރު، މި އަހަރު ފަތުރުވެރިކަމުގެ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް 97.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރި އެވެ.

Ads by HDC