ތަމްރީނުކުރި އިމާމުންގެ އަދަދު 800 އިން މަތީގައި

އިމާމުން ތާޒާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ތަމްރީނުކުރި އިމާމުންގެ އަދަދު 800 އިން މައްޗަށް އަރައިފި އެވެ.
އިމާމުން ތަމްރީނު ކުރުމަށް އެންމެފަހުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާ ރޭ ވަނީ ބައިވެރިންނަށް ސެޓްފިކެޓް ދީފަ އެވެ. އެ ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވި އެވެ.
އައްޑޫގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގައި 68 އިމާމުން ބައިވެރިވެފައިވެ އެވެ.
އިމާމުން ތަމްރީން ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިއަހަރުގެ މިހާތަނަށް 19 އަތޮޅެއްގައި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮގްރާމުތަކުން 804 އިމާމުން ތަމްރީނުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އިމާމުން ތަމްރީނު ކުރުމާއި އިމާމުންނަށް އިތުރު ތައުލީމާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ އިސްލާމިކް މިނިސްޓްރީން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ.