ޗައިނާގެ ސަފީރު ވިދާޅުވީ ރާއްޖެ ދޫކޮށް ދާން ބޭނުންނުވާ ކަމަށް
ދައުރު ހަމަވި ޗައިނާގެ ސަފީރު ވޭންގް ލިޒިން އަސަރުގަދަ ވަދާއީ މެސެޖެއް ދޫކޮށްލައިފަ އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ދައުރު ހަމަވިއިރު އެކަމަނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ވަދާއީ ޒިޔާރަތެއް ކުރައްވައިފަ އެވެ.
އެ ޒިޔާރަތަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވަރަށް ރަހުމަތްތެރި ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށާއި އަދި ރާއްޖެއަށް ކަނޑައެޅުއްވި ޗައިނާގެ ސަފީރުގެ މަގާމު ފުރުއްވަން ލިބުނު ފުރުސަތާ މެދު ފަހުރުވެރިވާ ކަމަށެވެ.
އަދި ރާއްޖޭގެ ރަހުމަތްތެރިން ދޫކޮށް އަނބުރާ ދާން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި އެހެން ނަމަވެސް ރާއްޖެ ދޫކޮށް ދަނީ ދާހިތުން ނޫން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ އެކަމަނާ ސަފީރު ކަމުގައި ހޭދަކުރެއްވި 3 އަހަރާއި 5 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް މުހިންމު ތަރައްގީތައް ގެނެވި ގުޅުންވެސް ބަދަހިކުރެވުނު ކަމަށާއި އެކަމާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.
އަދި އެކަމަނާގެ ދައުރުގައި ހިނގައި ދިޔަ ކަންކަމުގެ މައްޗަށް ވެސް ސަފީރު އެކްސްގައި އަލިއަޅުވާލެއްވި އެވެ.
އެގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 2022 ވަނަ އަހަރު 50 އަހަރު ފުުރުން ފާހަގަކުރުމާއި ޗައިނާގެ ލީޑަރު ޝީ ޖިން ޕިން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިތާ 10 އަހަރު ފުުރުނުކަން ވެސް ފާހަގަ ކުރެއްވި އެވެ.
ހަމަ އެހެންމެ އެ ދަތުރަށް ފަހު ހުޅުމާލެ ބުރިޖު އެޅުމާއި އެެއާޕޯޓް ބޮޑުކުުރުމާއި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވި އޭގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް އައިކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ
އޭގެ އިތުރުން ރައީސް މުއިއްޒު މި އަހަރު ޗައިނާއަށް ވަޑައިގެންނެވިކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ އެ ދަތުރުފުޅަށް ފަހު ގުޅުން އާ ހަރުފަތަކަށް ގެންދިފައިވާ ކަމަށެވެ.
އެގޮތުން ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމުކުރުމާއި މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޗައިނާއިން އެހީވާން ނިންމާފައިވާ އިރު ޓޫރިޒަމް، ދަނޑުވެރިކަން އަދި އެހެނިހެން ދާއިރާތަކުން ވެސް ގުޅުންތައް ބަދަހިވެފައިވާ ކަމަށް ވިދާޅުވި އެވެ.
ސަފީރުގެ މެސެޖު ނިންމާލަމުން ވަނީ އެކަމަނާގެ ދައުރުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށާއި އަދި އެކަމަނާއަށް ރައީސް މުއިއްޒު ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.