ޚަބަރު

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ކުރިއަށް ގެންދާނެ އުސޫލު އެކުލަވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޝަރީޢަތް ކުރުމާއިބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާޢިދާއި އެއްގޮތަށް، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔުމުގެ ކަންކަން ކޯޓުން އިންތިޒާމްކޮށް ހަމަޖެއްސުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ކްރިމިނަލް ކޯޓުން އެކުލަވާލައިފިއެވެ.

Ads by STELCO

މިއުޞޫލު ފާސްކޮށްފައިވަނީ ޤާޟީންގެ ވައިބާރ ގްރޫޕުގައި ބޭއްވި ޤާޟީންގެ ޢާންމު މަޖިލީހުންނެވެ. ފާސްކުރި މިއުޞޫލުގައި، މުޖްތަމަޢުގައި ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެތުރިދާނެ ކަމުގެ ބިރު އޮވެގެން، ޤައުމުގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކޮށްފިނަމަ، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުން ހިމެނެއެވެ.

ޝަރީޢަތް ކުރުމާއިބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާޢިދުގެ 5 ވަނަ މާއްދާގައި ބަޔާންވެގެންވާ ފަދައިން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށް ކޯޓުން ނިންމާ ޙާލަތުގައި، ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުންނާއި އިންވެސްޓިގޭޝަން އޮފިސަރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލީހުގައި ބައިވެރި ކުރުމުގައި ކޯޓުން ޢަމަލުކުރާނެ ގޮތްވެސް ވަނީ ވައިބާރ ގްރޫޕުގައި ބޭއްވި ޤާޟީންގެ ޢާންމު މަޖިލީހުން ކަނޑައަޅާފައެވެ.

އެގޮތުން އިބްތިދާއީ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސްކޮށް ގެންދަން ދައުލަތުން ބޭނުންވާ ނަމަ ނުވަތަ ނުރައްކާތެރި ބައްޔެއް ނުވަތަ ގުދުރަތީ ކާރިސާއެއް ދިމާވެފައިވާ ނަމަ، ކުށުގެ ތުހުމަތުގައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށާއި ހެކިބަސް ނެގުމަށާއި ދައުވާލިބޭ މީހާ އެހެން ރަށެއްގައި ހުރެއްޖެ ނަމަ، އެރަށު ކޯޓަށް އޭނާ ހާޒިރުކޮށް ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ދަޢުވާލިބޭ ފަރާތްހުރީ މައްސަލަ ހުށައެޅިފައިވާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ކަމަށްވެފައި، ދަޢުވާލިބޭ ފަރާތް ހުރި ރަށުގެ ކޯޓަށް ދަޢުވާލިބޭ ފަރާތް ހާޒިރުކޮށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް
ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދިޔުމަށް ދަޢުވާލިބޭ ފަރާތް ރުހޭކަމަށް ލިޔުމުން ބަޔާންދޭ ޙާލަތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެކަމަށް މި ގަވާދުގައި ބުނެއެވެ.

އަދި މިގޮތަށް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވޭ ޝަރީއަތުގެ މަޖިލީހެއްގައި އެއްވެސް ފަރާތަކުން ކޯޓުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ޢަމަލެއް ކޮށްފިނަމަ، އެފަރާތަކާއި މެދު ވަގުތުން ފިޔަވަޅު އެޅުމުގެ އިޙްތިޔާރު މައްސަލަ ބަލާ ޤާޟީ އަށް ލިބިގެންވެއެވެ.

އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވާން ބޭނުންވާނަމަ، އަޑުއެހުން ބޭއްވުމުގެ އެއް ގަޑިއިރު ކުރިން ޝަރީޢަތް ކުރުމާއިބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާޢިދުގެ ޖަދުވަލު 24 ގައި ބަޔާންކޮށްފައިވާ ފޯމުން އެކަން ކޯޓަށް ހުށަހަޅަންޖެހެއެވެ.

ކްރިމިނަލް ކޯޓުންވެސްވަނީ އަޑުއެހުންތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް ވަކާލާތު ކުރެވޭ ގޮތް ހަމަޖައްސާދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!