ޚަބަރު

ކުޅުދުއްފުށި ސިޓީ ވެގެންދާނީ އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް: ޝާހިދު

މި ސަރުކާރުގައި ކުޅުދުއްފުށި ސިޓީ ވެގެންދާނީ އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި މިއަދުން ފެށިގެން ސިޓީއަކަށް ބަދަލުވުމާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ސިޓީއެއްގެ ދަރަޖައިގައި، ރައީސް ސޯލިހުގެ ސަރުކާރުގައި އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކުޅުދުއްފުށި ސިޓީ ވެގެންދާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި މި ސަރުކާރުން ދާނީ ހިންގަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ މިހާރުވެސް އިގްތިސާދީ ގިނަ މަސައްކަތްތަކެއް ހިނގާ އުތުރުގެ ވިޔަފާރީގެ މައި އެއް ރަށެވެ. އެ ރަށުގެ ރައްޔިތުންގެ ބޮޑެތި ވިޔަފާރިތައްވެސް ހިންގަމުންދާއިރު، ނިމިދިޔަ ސަރުކާރުން އަދި އޭގެ ކުރީ ސަރުކާރުންވެސް ވަނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިންގަވާފައެވެ.

ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި މޭޔަރަކާއި އެކު ޖުމްލަ ހަތް ކައުންސިލަރުން އެ ސިޓީ އަށް އިންތިހާބު ކުރާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!