ކޯވިޑް19: މިހާލަތުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތައް ރާއްޖެއައުން ، ދީނީ ނަޒަރަކުން
ކޮވިޑް19 ގެ ބަލިމަޑުކަން މުޅި ދުނިޔެ ތަހައްމަލް ކުރަމުން އަންނައިރު ރާއްޖޭން ބޭރުގައި ދިރިއުޅޭ އެތަކެއް ދިވެހިންނެއް ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. އަދި އެނބުރި އަންނަ ބޭނުންވެ ނާދެވިފައިތިބި ދިވެހިންވެސް މަދެއް ނޫނެވެ.
ނަމަވެސް އެއް ބަޔަކު ދަނީ މިގޮތަށް ރާއްޖެއިން ބޭރުން ގިނަ ދިވެހިންތަކެއް އެނބުރި އަންނާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން އަންނަ ގިނަ ދިވެހިން ދިރިއުޅެނީ ބަލި ބޮޑަށް ފެތުރިފައިވާ ގައުމުތަކަށް ވުމާއެކު ގިނަ ބަޔަކު ބުނަމުންދަނީ އެމީހުން އެނބުރި އައުމަކީ ރާއްޖޭގައި ވެސް ބަލި އިތުރަށް ފެތުރުމަށް ހުޅުވިގެންދާ މަގެއް ކަމަަށެވެ. އަދި ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ވެސް އެންމެ ރަނގަޅު ގޮތަކީ އެމީހުން އެތިބި ގައުމެއްގައި މަޑުކޮށްގެން ތިބުން ކަންވެސް ފާހަގަކޮށްފައިވެއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެއަށް އެނބުރި ގެނައުމަށް ދެކޮޅު ހަދާ މީހުން އިތުރަށް ބުނަމުންދާ އެއް ވާހަކައަކީ ތިބާ އުޅޭ ރަށެއްގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރޭނަމަ އެރަށަކުން ނުނިކުތުމަށާއި އެރަށަކަަށް ނުވަނުމަށް އޮންނަ ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެވެ.
މި މައްސަލައިގައި ބަހުސް ކުރެވެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަހުމަދު އިޔާޒް ވަނީ މިކަމަަށް ޖަވާބު ދެއްވާފައެވެ.
ޝައިޚް ވިދާޅުވެފައިވާގޮތުގައި މިހާލަތުގައި ރާއްޖެއިން ބޭރުގައި ތިބި ދިވެހިން އެނބުރި ރާއްޖެއައުމުގައި އެއްވެސް ހިލާފެއް ނެތެވެ.
އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް އެމީހުން އެނބުރި އަންނައިރު ދެތަނުގައި ވެސް ބަލިމަޑުކަން އެބައުޅޭކަމަށާއި ރަސޫލާގެ ހަދީޘް ގައިވަނީ ބަލިއުޅޭތަނަކުން ބަލި ނޫޅޭ ތަނަކަށް ހިޖުރަ ނުކުރުމަށްކަމުގައެވެ. އަދި ގިނަ މީހުން އަންނަނީ މަޖުބޫރުވެގެންކަމާއި އެނބުރި އައުމަށްފަހުގައި ވެސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް މީހުންގެ ތެރެއަށް ނިކުމެވެނީ ބައްޔަށް ޓެސްޓުކޮށް ބަލި ނެތްކަން ޔަގީންކުރުމަށް ފަހުގައިކަންވެސް ޑރ.އިޔާޒްގެ ޖަވާބުގައި ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި މިހާތަނަށް ޖުމްލަ 17 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވާއިރު މީގެ ތެރެއިން 13 މީހުންވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. މި 13 މީހުނަކީ ވެސް ބިދޭސީން ކަމަށް ވާއިރު ރާއްޖޭގައި ބަލި ޖެހިފައި މިހާރު ބާކީ ތިބީ ދެ ދިވެހިންނެވެ.