ދުނިޔެ

ފިރިމީހާގެ ދެވަނަ ކައިވެނި ފާހަގަކޮށް އުފާފާޅު ކުރި އަންހެނަކަށް ބޮޑު ސަމާލުކަމެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ސައުދީއަރަބިއްޔާ: ފިރިމީހާގެ ޙަޔާތަށް ދެވަނަ އަތްބަކު އިޚްތިޔާރުކުރި މުނާސަބާ ފާހަގަކޮށް މީސްމީޑިއާގައި އެކަމުގެ އުފާ ފާޅު ކުރި އަންހެނަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

Ads by Sosun Fihaara

ވީޑިއޯއަކާއެކު ޓްވިޓާގައި ފިރިމީހާގެ ކައިވެނީގެ އުފާ ފާޅު ކުރި އުއްމު ޢުމަރު މީހާ ބުނެފައިވަނީ މިއީ މީގެ ހަތަރު އަހަރުކުރިން އޭނާ އިންތިޒާރު ކުރަމުން ދިޔަ ދުވަހެއް ކަމަށާއި ފިރިމީހާގެ ކައިވެންޏަށް އޭނާގެ ފުރިހަމަ ލޯތްބާއި އިހްތިރާމް އެބައޮތް ކަމަށެވެ.

ސައުދީގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އުއްމު ޢުމަރަކީ މަދީނާގައި ދިރިއުޅޭ މީހެކެވެ. އަދި ފިރިމީހާ މަސައްކަތް ކުރަނީ އެހެން ސަރަޙައްދެއްގައެވެ. އަދި އެގޮތުގައި ދެމީހުން ވަކިން ދިރިއުޅޭތާ ހައަހަރު ވެއްޖެއެވެ. އަދި ފިރިމީހާ އެހެން މީހަކާ ކައިވެނި ކުރުމަށް އުއްމު ޢުމަރު ހިތްވަރު ދީފައިވާ ކަމަށް ވެސް އޭނާއާ ހަވާލާދީ ޚަބަރުތައް ބުނެފައިވެއެވެ.

އުއްމު ޢުމަރު ބުނެފައި ވަނީ އޭނާގެ ދަރީން ވެސް މި އުފަލުގައި ބައިވެރިވާ ކަމަށާއި އެ ދަރީންނަކީ ދެވަނަ އަނބިމީހާގެ އާއިލާގެ ވެސް ބައެއް ކަމަށެވެ. އުއްމު ޢުމަރު ވަނީ ފިރިމީހާގެ ދެވަނަ ކައިވެނީގެ އުފަލުގައި ފިރިމީހާއަށާއި ދެވަނަ އަނބިމީހާއަށް ހަދިޔާގެ ގޮތުގައި މާމުއި ޕެކޭޖެއް ފޮނުވާފައެވެ.

" ފިރިމީހާއަށް އަހަރެން ދިން ފުރަތަމަ ހަދިޔާއަކީ އޭނާގެ ދެވަނަ ކައިވެންޏަށް އަހަރެން ދިން ލޯތްބާއި އިހްތިރާމް ، ދެވަނަ ހަދިޔާއަކީ މާމުއި ޕެކޭޖެއް، އެއީ މުސްތަގުބަލުގައި (އޮންނާނެ) އަހަރެމެންގެ ބޮޑު އާއިލާއަށް އެ މާމުއިން ފޮނިކަން ހޯދަން" އުއްމު ޢުމަރު ބުނެފައިވެއެވެ.

ފިރިމީހާގެ ކައިވެނީގެ އުފާ ފާޅުކޮށް އަނބިމީހާ މީސްމީޑިއާއަށް ދޫކޮށްލި ވީޑިއޯކޮޅުގައި އޭނާގެ ދަރީން ވެސް ފެނިގެން ދެއެވެ. އަދި ދަރީން ވެސް ވަނީ ބައްޕައަށް ތަހުނިޔާ ކިޔާފައެވެ. އެތައް ލައްކަ ބަޔަކު މި ވީޑިއޯ ބަލާފައިވާއިރު އެތައް ބަޔަކު ވަނީ އުއްމު ޢުމަރަށް ތަޢްރީފްކޮށް ހެޔޮ ދުޢާ ކޮށްފައެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!