އާ އަހަރުގެ އޮޕަރޭޝަންގައި 64 މީހުން ހައްޔަރުކުރި
އާ އަހަރާ ގުޅުވައިގެން ފުލުހުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ރަށްރަށުން 64 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެންމެ ގިނަ މީހުން ހައްޔަރުކުރީ ބަނގުރާ ބޭނުންކޮށްގެންނާއި މަގުމަތީގެ އާއްމު ހަމަޖެހުން ނަގާލަން އުޅުނުކަމުގެ ތުހުމަތުގަ އެވެ.
ފުލުހުން މިހާތަނަށް އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ ބަޔަކު ހައްޔަރު ކުރީ ޏ. ފުވައްމުލަކުންނެވެ. އެ ރަށުން ޖުމްލަ 23 މީހުން ހައްޔަރުކުރި އެވެ.
އެ ރަށުގެ ހަތަރު ގެއަކުން ބަނގުރާ ކައްކަން ބޭނުން ކުރާ ސާމާނު ފެނުނު އިރު، އެ ގެތަކުން، މަސްތުގެ ހާލަތުގައި ތިބި ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނިގޮތުގައި އެ މީހުން ވަނީ، 500 އެމްއެލްގެ 14 ފުޅި ބަނގުރާ ތައްޔާރުކޮށްފަ އެވެ.
މީގެ އިތުރުން އާއްމު މަސްލަހަތު ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ފުވައްމުލަކުން ވަނީ 18 މީހަކު ހައްޔަރުކޮށްފަ އެވެ.
އޮޕަރޭޝަންގައި މާލޭން 19 މީހުން ހައްޔަރު ކުރި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ވަލު ތެރޭގައި އާއި ފަޅުގެތަކުގައި ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ހުއްޓާ ފުލުހުން ހޯދިއެވެ. އަދި އެތަންތަނުން ކައްކާފައި ހުރި ބަނގުރާ ވެސް ފެނިފައިވެއެވެ. އާއްމު ހަމަނުޖެހުން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި 13 މީހަކު ހައްޔަރު ކުރި އިރު، ފިހާރައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ހިތަދޫ އިން ވަނީ ހައްޔަރު ކޮށްފައެވެ.
ލ. ގަމު ތުނޑީގައި ރާބޯން ތިބި ބަޔަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ތިން ފިރިހެނުންނެވެ.
ށ. ޅައިމަގުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމުގައި ފަސް ގެއެއް ބަލާ ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކުރިއެވެ.
ށ. ފުނަދޫ އުތުރުފަރާތު ވަލު ތެރޭގައި ބަނގުރާ ބޯން ތިބި ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނުގައި އެތަނުން އެކަކު ހައްޔަރު ކުރިއެވެ. އަނެއް ދެ މީހުން ތިބީ އެ ސަރަހައްދު އަތިރިމަތީގައި ބަނގުރާބޮއި މަސްތުވެގެން، އެ މިީހުންގެ އަތުން ބަނގުރާ އަޅާފައި ހުރި ހަތަރު ފުޅި ވަނީ ފެނިފައެވެ.
މަސްތުގެ ހާލަތުގައި ހުރި އެކަކު ރ. މީދުއިން ހައްޔަރުކުރިއިރު، މަސްތުވާތަކެއްޗާއެކު ގދ. ތިނަދޫން 39 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މާލެއިން 500 އަށް ވުރެ ގިނަ މީހުން ހުއްޓުވައި ސުވާލު ކުރި އެވެ. އޭގެ ތެރެއިން 350 މީހުންގެ ކުށުގެ ރެކޯޑް އޮވެ އެވެ. އަދި 900 އަށް ވުރެ ގިނަ އުޅަނދު ފުލުހުން ވަނީ ބަލާ ފާސްކޮށްފަ އެވެ.