ކޮވިޑް-19އަށް ފައްސިވި ދެ ދިވެހިންނާ ކޮންޓެކްޓްވި 34 މީހަކު ކަރަންޓީން ކޮށްފި
ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި ދެ ދިވެހިންނާ ކޮންޓެކްޓުވި 34 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެންމެ ފުރަތަމަ ފައްސިވި ދިވެހި މީހާގެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 29 މީހަކު ހޯމް ކަރަންޓީން ވުމަށް އެނގިފައިވާ ކަމަށެވެ. މީގެ ތެރެއިން އަމިއްލައަށް ކަރަންޓީން ނުވެވޭނެ މީހުންނަށް ކަރަންޓީން ކުރެވޭނެ ގޮތެއް ސަރުކާރުން މަސައްކަތް ކުރާނެކަމަށެވެ.
މަބްރޫކް ވިދާޅުވީ ރާއްޖެއިން ވައިރަހަށް ފައްސިވި ދެވަނަ މީހާގެ ކޭސްއާ ގުޅިގެން 48 މީހެއް ބެލުނު ކަމަށާއި އޭގެ ތެރެއިން ފަސް މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު ކަރަންޓީން ފެސިޓީތަކުގައި ތިބިއިރު އަނެއް ދެ މީހުން ތިބީ ހޯމް ކަރަންޓީނުގައި ކަމަށެވެ.
ގޭގައި އަދި ސަރުކާރުން ތައްޔާރުކޮށްފައިވާ އައިސޮލޭޝަންގައި ތިބި މީހުންގެ ކަންކަން އެޗްޕީއޭއިން ވަރަށްގާތުން ބަލަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި ދެވަނަ މީހާ ކަރަންޓީނަށް ގެންދެވުނުއިރު އޭނާއާއި އެއް ކޮޓަރިއެއްގައިހުރި މީހާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިއަދު ހަވީރު އޭނާގެ ޓެސްޓް ކޮށްފައިވާކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ދެ ދިވެހިންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައުމުން ކަރަންޓީން ކުރި ދެ މީހުން ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.