ރިޕޯޓް

ކޮވިޑް-19ގެ ވަގުތުގައިވެސް ބަސްނާހާ ދިވެހިން!

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިންގެ ބޯހަރު ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެކެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލެނބުމަކީ ދިވެހިން އިހައްސުރެ ކުރަމުން އަންނަ ކަމެކެވެ. ކަމެއް ވަކިގޮތަކަށް ކުރަން އަންގައިފިނަމަ ދިވެހިން ބަލާނީ އެކަމެއް އެބުނިގޮތާއި ޚިލާފަށް ކުރެވޭތޯއެވެ. އެއިން ނިކުންނާނެ ނަތީޖާއަކަށް ބެލުމެއް ނެތިއެވެ.

Ads by STELCO

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އަށް ރާއްޖެއިން ފެނުމާއެކު، ބޭކާރު ކަންކަމުގައި ބޭރަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ. އެއްވެ ނޫޅުމަށްވެސް ވަނީ އަންގާފައެވެ. އެހެންނަމަވެސް ބޯހަރު ދިވެހިންގެ ދިރިއުޅުމުގެއް ވައްޓަފާޅިއަށް ކުޑަވެސް ބަދަލެއް ނައެވެ. ދެން ޖެހުނީ ސައިކަލުގައި ސްޓިކާ ޖަހާ އުސޫލުން، މަގުމަތީގައި އުޅޭ މީހުންގެ ގައިގާވެސް ސްޓިކާ ޖަހަން ނިކުންނާށެވެ.

އެންމެ ފަހުން ފުލުހުންނާއި ޖެހުނީ މަގުތަކަށް ނިކުންނާށެވެ. ބޭރަށް ނިކުމެ ހޭލަމޭލައަށް އުޅޭ މީހުން ގަދަކަމުން ގެޔަށް ފޮނުވާށެވެ. ޕާކުތަކުގައި ތިބޭ މީހުން ފައްސާ ގެއަށް ފޮނުވާށެވެ. ގޭގައި ތިބެން ބުނުމުން ދިވެހިންނަށް ގޭގައި ތިބުން ވީ ބޮޑު ވޭނަކަށެވެ.

މީގެ ކުރިން އަބަދުވެސް ދިވެހިންގެ ތެރެއިން ގިނަބަޔަކު ދައްކާ ވާހަކައަކީ، އޮފީހާއި ކޮލެޖުގައި ބިޒީ ވާހަކައެކެވެ. ގެއަށް އަންނަން ވަގުތު ނުލިބޭ ވާހަކައެވެ. އެހެންނަމަވެސް މިއަދު، އޮފީސްތައް ބަންދުކޮށް، މުސާރަ ދީފައި ބަސް އަހައިގެން ގޭގައި ތިބޭށޭ ބުނުމުންވެސް މި ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މައިިތިރިވެގެން ގޭގައި ތިބެވެނީ މަދުބަޔަކަށެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާ، ސަރުކާރު ހުއްޓުމަކަށް މި ގެނައީ ހަމަ ރައްޔިތުންގެ ރައްކަލަކަށްޓަކައި ނޫންހެއްޔެވެ. ގޭގައި މަޑުކޮށްލައިގެން، އާއިލާއާއި އެކުގައި ވަގުހޭދަކޮށްލަށް މި ލިބުނީ ސަޅި ފުރުސަތެއް ނޫންހެއްޔެވެ. ތިބާ ގެއިން ބޭރަށް ނިކުމެ ގެއަށް ވަދެ ހަދާނަމަ، ތިބާގެ ގޭގައި އުޅޭ އެންމެނަށްވެސް އެކަމުން ނުރައްކާވާނެއެވެ.

އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ. މި ނާޒުކު ވަގުތުގައިވެސް ދިވެހިން ވިސްނައެއް ނުލައެވެ. މަގުމަތީގައި އުޅޭނެ ވަރަކަށް އުޅެނީއެވެ. ކުރާނެ ކަމެއްނެތެވެ. ކިތަންމެ ބިރުވެރި، ބޮޑު މުސީބާތެއް ކުރިމަތިވިޔަސް ދިވެހިން ހަމަ ބަހެއް ނާހާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!