ރާއްޖެ ކައިރީ 2 ކޮޅިގަނޑު، ބުދަ ދުވަހުން ފެށިގެން ވައި ގަދަވާނެ
ރާއްޖޭގެ ސަރަހައްދުގެ ކައިރީގައި އުފެދޭ ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުގެ ފެށިގެން ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ދުވަސްތަކުގައި ދެކުނު އިންޑިއާގެ ޓަމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާ ކަމަށެވެ.
އަދި އެ ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހަށް ރާއްޖޭގެ ސަރަހައްދުތަކަށް ވައި ބާރުވެ، ބައެއް ސަރަހައްދުތަކަށް ކަނޑު ގަދަވެ، އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، އާންމު ގޮތެއްގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެއިތުރުން، ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
އިތުރަށް މެޓް އޮފީހުން ބުނީ، މި ދުވަސްވަރު ގަދަ ވަޔާ އެކު ވިއްސާރަކޮށް ގުގުރުމާ އެކު ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 55-40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
އެހެންވެ، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ އޮފީހުން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިންމުންތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެ އެވެ.