ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި
ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި އެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައުންޑޭޝަން އިފްތިތާހުކޮށްދެެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ އެވެ.
މިއީ ރާއްޖޭގެ ރިސާޗާއި އުފެއްދުންތެރިކަމުގެ ދާއިރާ، އާ ހަރުފަތަކަށް ގެންގޮސް ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާރޓްސް އަދި މެތެމެޓިކްސް ހިމެނޭ ސްޓެމްގެ ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި، އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދުމާއިއެކު، އެއަށް އަހުލުވެރިވެ، ގައުމު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުމުގެ މަގުސަދުގައި އިފްތިތާހުކުރި ފައުންޑޭޝަންއެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
އެ ފައުންޑޭޝަން މެދުވެރިކޮށް ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދެވޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"ސްޓެލްކޯ ރިސާޗް ފައުންޑޭޝަން(އެސްއާރުއެފް)ގެ ނަމުގައި އިފްތިތާހުކުރި އެ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓްވެސް ވަނީ އިފްތިތާހުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި އެސްއާރުއެފްގެ ވައިސް ޗެއަރޕާރސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޑރ އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ ފަހުމީގެ އިސްނެންގެވުމާއި ސީދާ ބެއްލެވުމުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ ހަޔާތުގައި އަދި މަސައްކަތުގައި އިތުރު ހަރުފަތަކަށް ދިއުމަށް މަގު ކޮށިގެންދާ އުފާވެރި ދުވަހެއް ކަމަށް ކަމަށެވެ.
ފަހުމީ ވިދާޅުވީ އެ ރިސާޗު ފައުންޑޭޝަންގެ މަގުސަދަކީ އެ ފައުންޑޭޝަން މެދުވެރިކޮށް ރާއްޖޭގެ ކުރިއެރުމަށް ކަންތައްތަކެއް ކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުންލައްވައި ގައުމަށް ހިދުމަތްކޮށްދޭން. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެ. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ގައުމަށް މިކަމުގެ ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން. އިންތިހާއަށް ފައިދާ ކުރަންވާނެ" ފަހުމީ ވިދާޅުވި އެވެ.