އަނެއްކާވެސް ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

އަނެއްކާވެސް ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ފުލުހުން ބުނީ މާލެ ސިޓީގެ ގަލޮޅުގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމަށް މައުލޫމާތު ރޭ ދަންވަރު 1:27 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ގ. ބިއުޓީވިލާ, އުމުރުން 45 އަހަރުގެ ދާވޫދު ޖިމްރީޒް ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
އިއްޔެވެސް ގަލޮޅު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު، ފުލުހުން ބުނީ ގ. ފްރެސް ލައިޓް ގޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ އަލީ ރަޝީދު (35އ) ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.