މަސްވެރިކަމާ ގުޅުންހުރި އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ޗައިނާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ޗައިނާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފި އެވެ.
ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ވިޔަފާރިވެރިންނާ އެ މައުލޫމާތު ހިއްސާކުރެއްވީ މިނިސްޓަރު އަހްމަދު ޝިޔާމް އަދި އެ މިނިސްޓްރީގެ އިސްވެރިންނެވެ.
ޗައިނާގެ ވިޔަފާރިވެރިންތަކެއް ރާއްޖޭގައި ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަަތުތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ކުރަމުންދާ ދަތުރުގައި މިނިސްޓަރު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި، މެރިކަލްޗަ އަދި ބްލޫ އިކޮނޮމީ ދާއިރާއިން ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްްސާކުރައްވާފަ އެވެ.
ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ވެސް ހިއްސާކުރެއްވި އެވެ. އެގޮތުން ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްގީ ކުރުމުގެ މަސައްކަތާއި މެރިކަލްޗަ ސިނާއަތުން މަސައްކަތްތައް ކުރެވެމުންދާކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

ނެޗުރަލް ރިސޯސަސްގެ ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޯގުރަފީ މިނިސްޓްރީގެ ޓީމާ ބައްދަލުކުރުން / ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
ޗައިނާގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ އިތުރުން މެރިކަލްޗަ ދާއިރާއިން ތަމްރީންތައް ހިންގުމާއި ގުޅިގެން ދިރާސާތައް ކުރުމާ ގުޅޭގޮތުން ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޯގުރަފީގެ ޓީމަކާ އެކު ވަނީ މަޝްވަރާކޮށްފަ އެވެ.
އެ ޓީމުގެ ފަރާތުން ފިޝަރީޒް މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރި އެވެ. އެގޮތުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޯގުރަފީ އާ ދެމެދު އެއްބަސްވުމެއް ސޮއިކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައިވެ އެވެ.