އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ 5 ލެޕްޓޮޕް ނަގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ފަހުން ބުނީ އެ ލެޕްޓޮޕްތައް ވަގަށް ނެގީ ފަރުކޮޅުގައި ހުރި އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށެވެ. އަދި ވަގަށް ނެގި ކަމަށް ޝައްކުކުރެވޭ މީހާ މިވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ކަމަށް ވެސް ބުންޏެވެ.
އޭނާ ފުލުހުންނާ ކޯޕަރޭޓްކުރަމުންދާ ކަމަށާއި ނަމަވެސް އަދި ލެޕްޓޮޕްތައް އަދި ނުފެންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެޗްޑީސީގެ ލެޕްޓޮޕްތަކެއް ވަގަށް ނެގިކަމުގެ މައްސަލައެއް ފެންމަތިވެފައިވަނީ ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައެއް ފެންމަތިވެ އެތަނުގެ ލިޔެކިޔުންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލާގައި ހިމެނޭ ޑިޖިޓަލް ހެކި އެއްކޮށްފައިވާ ކަމަށްވެސް ފުލުހުން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލައެކެވެ. އެ މައްސަލައިގެ ތަހުގީގު އަވަހަށް ކުރިއަށް ގެންދިޔުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ އޭސީސީއާ ފުލުހުންނަށް އަމުރުކުރައްވާފަ އެވެ.