ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް ފިޔަވަޅު އަޅަން ޕީއެންސީން ގޮވާލައިފި
ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް އަވަހަށް ފިޔަވަޅު އަޅަން ވެރިކަންކުރާ ޕީއެންސީން ގޮވާލައިފި އެވެ.
ޕީއެންސީން ރޭ ނެރުނު ބަޔާނުގައި ބުނީ ގައުމީ ފެންވަރުގައި ކޮރަޕްޝަން ނައްތާލުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.
އަދި މި ވެރިކަމުގައި އޭސީސީއާއި ފުލުހުންނާއި އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވެސް ޕީއެންސީން ބުނެފައިވެ އެވެ.
އަދި އެއްވެސް ޕާޓީއަކަށް ބެލުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ހިންގާ ފަރާތްތަކާ މެދު އެ އިދާރާތަކުން ފިޔަވަޅ އަޅަމުންދާކަން ހާމަވެގެން ގޮސްފައިވާކަން ވެސް ޕީއެންސީން ބުނެފައިވެ އެވެ.
ޕީއެންސީން ބުނީ އެފަދަ ތަހުގީގުތައް ހިންގަން އިތުރު ވަގުތާއި ވަސީލަތްތައް ބޭނުންވާކަމަށެވެ. އަދި އިދާރާތަކުން މަސައްކަތް އަވަސްކޮށް ހެއްކާއި ގަރީނާ ހޯދުމަށް ޕީއެންސީން ގޮވާލި އެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވަގުތުން ފިޔަވަޅުތައް އެޅުމަށް ވެސް ޕީއެންސީން ގޮވާލައިފައިވެ އެެވެ.
"ކޮރަޕްޝަންގެ ސަބަބުން ހަމައެކަނި ހުރަސް އެޅެނީ ތަރައްގީއަށް އެކަންޏެއް ނޫން. އޭގެ ސަބަބުން ގައުމުގެ އެންމެ ބޮޑު އެސެޓްކަމުގައިވާ ރައްޔިތުންނަށް ވެސް އަސަރު ކުރޭ" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރުން އަންގައިގެން އޭސީސީއާއި ފުލުހުން މިހާރު ދަނީ ބިންވެރިޔާ ސްކީމާއައި ގެދޮރުވެރިޔާ ސްކީމުގެ މައްސަލަތައް ބަލަމުން ނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަސް ގޯތި ދިން މައްސަލައިގައި އެޗްޑީސީގެ ބޯޑުގެ އިސް ބޭފުޅުންތަކެއް ސަސްޕެންޑްވެސްކުރި އެވެ. އަދި އެ މީހުންގެ ޕާސްޕޯޓްވެސް ހިފަހެއްޓި އެވެ.