ބަޣާވާތްކުރިކަން ސާބިތުކޮށްދީފިނަމަ ދޮޅުލައްކަ ރުފިޔާއާއި އުމްރާ ދަތުރެއް ޝަހީމް ، ނަޝީދަށް ހުށަހަޅައިފި
2012 ، ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަަޝީދުގެ އެމްޑީޕީގެ ވެރިކަން ބަދަލުވުމުގައި ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބައިވެރިކަން އޮތްކަން ސާބިތުކޮށް ނުދެވޭނެ ކަމަށް ވިދާޅުވެ ޝަހީމް ނަަޝީދަށް ޗެލެންޖު ކުރައްވައިފިއެވެ.
ޑރ.ޝަހީމް ކުރެއްވި ޓުވީޓްތަކެއްގައި އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދު އެކަން ސާބިތުކޮށް ދެއްވައިފިނަމަ އެއްލައްކަ ފަންސާސް ހާސް ރުފިޔާއާއި އުމްރާ ދަތުރެއް ދެއްވާނެ ކަމަަށެވެ.
"ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު 7 ފެބްރުއަރީ އާއި އެވެރިކަން ބަދަލުވުމަށް މެދުވެރިވި 22 ދުވަހުގެ މުޒާހަރާތަކާއި ގުޅިގެން ރަައީސް ނަޝީދަށް އަޅުގަނޑު ޗެލެންޖެއް ކުރަމެވެ. 7 ފެބްރުއަރީ އާ އެއާ ގުޅޭ 22 ދުވަހުގެ އެއްވެސް ކަމަކުން، މަންޒަރާއި އަޑުންވެސް އަޅުގަނޑުގެ ވީޑިއޯއެއް އަދި އޯޑިއޯއެއް ނުވަތަ ފޮޓޯއެއްވިޔަސް ދައްކައިފިނަމަ، ރައީސް ނަޝީދަށް 150،000 ރުފިޔާއާއި އުމްރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ހުރުމުގެ ޚަރަދު ދޭނަން. ދަތުރުގައި އެއްޗެހި އުފުލަން ހުންނާނަން" ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ.ޝަހީމް ވިދާޅުވީ އެމަނިކުފާނާއި އާއިލާގެ އެއްވެސް މީހަކީ ބަޣާވާތް ކުރަން އުޅުނު މީހެއް ނޫން ކަމަަށެވެ.
"އަޅުގަނޑަކީ ބަޣާވާތް ކުރި މީހެއް ނޫން. އަޅުގަނޑުގެ ބައްޕަވެސް ބަޣާވާތް ނުކުރޭ، ފިސްތޯލް ވެސް އެތެރެ ނުކުރޭ. އަޅުގަނޑުގެ ކާފަވެސް ބަޣާވާތެއް ނުކުރޭ. ފިސްތޯލަވެސް އެތެރެ ނުކުރޭ. އަޅުގަނޑަކީ އަލީ ސަޢީދުގެ ދަރި" މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ޓުވީޓްތަކުގައި ވެއެވެ.
ޑރ.ޝަހީމް މިގޮތަށް ރައީސް ނަޝީދަށް ޗެލެންޖު ކުރެއްވިއިރު ރައީސް ނަޝީދު މިއަދު ވަނީ ޝަހީމް ބަޣާވާތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ޑރ.ޝަހީމަކީ ބަޣާވަތެއްކޮށް ތައުބާ ނުވެ ހުރި މީހެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޑރ.ޝަހީމް އިސްވެ ފެއްޓެވި ޤުރުއާން ކިޔެވުމުގެ ޕްރޮގްރާމްގައި ކިޔަވާ ވިދާޅުވުމަށް ރައީސް ނަަޝީދަށް ދައުވަތު ދެއްވުމުން އެކަމުގެ ޖަވާބެއްގެ ގޮތުންނެވެ.
ޝަހީމް ތައުބާވެ ވަޑައިގެންނެވީމާ ކީރިތި ޤުރުއާނުން އަޅުގަނޑަށް އެންމެ ރީތި އެއް ސޫރަތް، ޒަލްޒަލާ ސޫރަތް ނުވަތަ ބަޤަރާ ސޫރަތުން ބައެއް ކިޔައި ދޭނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.