ޚަބަރު

މަޑުއްވަރީ ރައްޔިތުންނަށް ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ހިންގަނީ

ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އަދި ރ. މަޑުއްވަރީގެ މުއައްސަސާތައް ގުޅިގެން މަޑުއްވަރީގައި ދީނީ ދަރުސް ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

މަޑުއްވަރީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އެއީ އެރަށުގައި ދިރިއުޅޭ ކުދި ބޮޑު އެންމެނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެއް ކަމަށް މަޑުއްވަރީ ކައުންސިލުގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެ ތިން ދުވަހުގެ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ޝެއިޙުން މަޑުއްވަރީގެ އެކިއެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، އެ ރަށުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކޮށް، ދީނީގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަން އޮޅުންފިލުވައިދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މަޑުއްވަރީގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން ވަނީ އެ ރަށުގައި އުޅެމުންދާ ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަނުގައި ވަނީ ގިނަ ތަންތަން ބަލައި ފާސްކޮށް، ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!