ޚަބަރު ލައިފްސްޓައިލް

ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހެއްގެ އުދާސްތައް؛ "އެބޭފުޅާއަށް އަޅުގަނޑުމެން ސިފަވީ ބައްޔެއްގެ ގޮތުގައި"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރަމުން އެދަނީ ޝުކުރު ޙައްޤު މަސައްކަތެކެވެ. ރެޔާ ދުވާލު، އަރާމެއް ނެތި އަހަރެމެންގެ ޙައްޤުގައެވެ. މިދައްކަނީ ކޮވިޑް-19 ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ހިތްވަރު ގަދަ، ކެރޭ ފަހުލަވާނުންގެ ވާހަކައެވެ. އަބަދުވެސް އެމީހުންގެ ކެރުންތެރިކަމާއި ހިތްވަރުގެ ވާހަކަ އަހަރެމެން ދައްކަމެވެ. ނަމަވެސް އެމީހުންނަށް ދިމާވާ ދަތިތަކާއި އެމީހުންގެ އުދާސްތަކުގެ ވާހަކަ ދައްކާ އުޅޭތަނެއް ނުފެނެވެ.

Ads by MWSC

މިއަދު އަޅުގަނޑު ފޭސްބުކް ސްކްރޯލް ކުރަމުން ދަނިކޮށް ފެނުނު ސްޓެޓަސްއެއް ހިއްސާކޮށްލާނަމެވެ. ލިޔުން ފަށާފައިވަނީ "ހިތް ދަތިވި ވަގުތުކޮޅެއް" މިހެންނެވެ.

" 16 ސެޕްޓެމްބަރ 2020 ރޭގެ އިރާކޮޅުން ވަގުތުކޮޅެއް . އެ ހިދުމަތަކަށް އަޅުގަނޑު ފަހުރުވެރިވާ ދިވެހި ފުލުހުންގެ ބެޖު މޭމަތީގައި ހަރުކޮށް މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔައިން. ވަރުބަލިކަން އިހުސާސް ކުރެވުނަސް އިހުތިރާމާއިއެކު ހިނިތުންވެހުރެ ކޮންމެ ރައްޔިތަކާއި މުހާތަބުކުރިން. އަޅުގަނޑު ހަރަކާތްތެރިވީ ޗާންދަނީމަގުގައި .

ދުއްވާފައި އައި ސައިކަލެއްގައި ތިބީ ދޮށި އުމުރުފުރައެއްގެ ދެ (ދިވެހި) ފިރިހެނުން، އިޝާރާތްކޮށްލުމުން ސައިކަލު މަޑުކޮށްލި ، ކޮވިޑަށް ޓެސްޓް ކޮށްލުމަށް އެދެބޭފުޅުންގެ އަރިހުން އެދުނިން.

ސައިކަލު ދުއްވަން އިންބޭފުޅާ ދެއްވި ޖަވާބަކީ ވަރަށް ފަހުން ޓެސްޓް ކުރިކަމަށް، ނަމަވެސް ފަހަތުގައި އިން ބޭފުޅާގެ ބަސްމަގު ތަފާތު ،

"އަވަހަށް އަހަރެމެންނާ ދުރަށްދޭ !!"

ކަންފަތުގައި ޖެހުނީ އެ ބަސްތައް، އެބޭފުޅާއަށް އަޅުގަނޑުމެން ސިފަވީ ބައްޔެއްގެ ސިފާގައި 😔، ނަޖިހެއް ފަދައިން ,

ފެންކަޅިވެ ހުރެ އެ ބޭފުޅާއަށް ބަލާލިން ، ހިތް ދަތިވިޔަސް ، އެބަސްތަކުން މާޔޫސް ކުރުވިޔަސް ދެން ވެސް ހިނިތުންވުމާއެކު އެ ބަސްތަކާ ކުރިމަތިލިން، އަދި ބުނެދިނިން،

މަގުމަތީގައި ހަރަކާތެރިވާ އަޅުގަނޑުމެންގެ މި ކުދިންނަކީ ނިސްބަތުން ހަގު ކުދިންތަކެއް އަދި ތިފަދަ ބަސްތަކުން އެ ކުދިންނަށް ބަސް ނުބުނުމަށް އެދުނިން، މުއައްސަސާއަކަށް ނުވަތަ ސަރުކާރަކާއި މެދު އެއޮތް ހިތްބުރަކަމެއް ނުވަތަ ޝަކުވާއެއް އަޅުގަނޑުމެންނަށް މަތި ނުކުރައްވާ!

ތިބޭފުޅުންގެ ހައްޤުގައި އަޅުގަނޑުމެން ނުރައްކަލަކަށް ހުށައެޅި ދާއިރު އެފަދައިން އެފަދަ ބަސްތަކުން ބަސް ނުބުނޭ !

ހިތަށް ފުންއަސަރުތަކެއް ކުރި ، ތިބޭފުޅުންގެ ހައްގުގައި ބަޔަކު ގުރުބާނީތަކެއް އެބަވޭ ! ގަބޫލުކުރިޔަސް ނުކުރިޔަސް ! "

ތެދެކެވެ. އެމީހުން އެކުރާ މަސައްކަތަކީ އަހަރެމެންގެ ޙައްޤުގައި ކުރާ މަސައްކަތެކެވެ. އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް އެހުށައަޅަނީ އަހަރެމެންނަށް ޓަކައެވެ. މިކަމާމެދު އަހަރެމެން ފުންކޮށް ވިސްނާލަން ޖެހެއެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ އެންމެނަށް ޝުކުރު ހައްޤެވެ. އަނެކާގެ ނަފުސު ނުރައްކަލަށް ހުށަހަޅަން ކެރޭނީ މަދު ބަޔަކަށެވެ. އަހަރެމެންނަށްޓަކައި ތިޔަ ކުރައްވާ ޚިދުމަތުގެ އަގު ލިޔެލާ ލިޔުމަކުން ބުނެލާ ބަހަކުން ވަޒަން ނުކުރެވޭނެކަން އެނގެ ތިބެމެ، އަދިވެސް އެއްފަހަރު ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!