ލައިފްސްޓައިލް ޓެކްނޮލޮޖީ

އުފަން ދުވަހުގެ ހަދިޔާއަކަށް ބޭނުމީ ޕީއެސް5 އެއް؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޕްލޭ ސްޓޭޝަނަކީ ކުދި ބޮޑު ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ގޭމް ކޮންސޯލްއެކެވެ. ޖަޕާނުގެ ސޮނީ ކުންފުނިން 1994 ވަނަ އަހަރު ތަޢާރަފްކުރި ޕްލޭސްޓޭޝަންގެ ތާރީހުގައި މިހާތަނަށް 4 ކޮންސޯލެއް ނެރެފައިވާއިރު، މިހުރިހާ ޕްލޭ ސްޓޭޝަނެއް ވެސް ވަނީ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައެވެ. އަދި މިއަހަރު ޕްލޭ ސްޓޭޝަން 5 ނުވަތަ ޕީއެސް ފައިވް ނެރޭނެކަން ސޮނީ ކުންފުނިން އިޢުލާންކުރުމާއެކު ގިނަ ބަޔަކު ދިޔައީ އެކަމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.

Ads by Sosun Fihaara

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ޕީއެސް ފައިވް ހުންނާނެ ގޮތް ދައްކާލާ، އޭގެ ތަފްސީލްތައް ސޮނީ އިން ހާމަކުރި ނަމަވެސް، ޕީއެސް ފައިވް ރިލީޒްކުރާނެ ދުވަހަކާއި އޭގެ އަގެއް ސޮނީން ހާމަ ކޮށްފައެއް ނުވެއެވެ.

ގިނަ ބައެއްގެ އިންތިޒާރު ނިމުމަކަށް ގެނެސްދީ ސޮނީން މިހާރު ވަނީ ޕީއެސް ފައިވް ލިބޭނެ ދުވަހާއި އޭގެ އަގު މިހާރު ހާމަ ކޮށްފައެވެ. ސޮނީން ބުނީ މިއަދުން ފެށިގެން ޕީއެސް ފައިވްގެ ޕްރީ އޯޑަރަށް ހުޅުވާލާނެ ކަމަށެވެ. އަދި ނޮވެމްބަރުމަހުގެ 12 ވަނަ ދުވަހު، އެމެރިކާ، ޖަޕާން، ކެނެޑާ، މެކްސިކޯ، އޮސްޓްރޭލިއާ، ނިއުޒިލެންޑް އަދި ދެކުނު ކޮރެޔާގައި ޕީއެސް ފައިވް ވިއްކަން ފަށާނެއެވެ. އަދި ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުން ފެށިގެން ދުނިޔޭގެ އެހެން ޤައުމުތަކުގައި ޕީއެސް ފައިވް ވިއްކަން ފަށާނެ ކަމަށް ވެސް ސޮނީން ބުނެއެވެ. މިއާއެކު މީސްމީޑިޔާގައި ޕީއެސްގެ ވާހަކައިގެ އަޑު ގަދަވިއެވެ. އަދި އުފަން ދުވަހާއި މިފަދަ މިނޫންވެސް ހަފްލާތަކަށް ޕީއެސް ބޭނުންވާ ކަމަށް ބުނެ ގިނަ ސްޓެޓަސް ތަކެއް ފެނިގެން ދިޔައެވެ.

ސޮނީން މިފަހަރު ޕީއެސް ފައިވްގެ ދެ މޮޑެލްއެއް ރިލީޒް ކުރާނެއެވެ. އެއީ ސީޑީ ބޭނުންކުރެވޭ ޕީއެސް ފައިވް ކޮންސޯލްއާއި ސީޑީ ޑްރައިވްއެއް ނުހުންނަ ޕީއެސްފައިވް ޑިޖިޓަލް އެޑިޝަންއެވެ. ޕީއެސް ފައިވް ކޮންސޯލް 499 ޑޮލަރަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ޕީއެސް ފައިވް ޑިޖިޓަލް އެޑިޝަން ވިއްކުމަށް ހަމަޖެހިފައި ވަނީ 399 ޑޮލަރަށެވެ.

ޕީއެސް ފައިވްގެ އަގާއި ރިލީޒް ކުރާނެ ތާރީޚްތައް ސޮނީން އިޢުލާންކޮށްފައި ވާއިރު، ޕީއެސް ފައިވްއާއެކު ރިލީޒް ކުރާނެ ގޭމްތައް ވެސް ސޮނީން ދަނީ އިއުލާން ކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ "ގޮޑް އޮފް ވޯ" އާއި ފައިނަލް ފެންޓަސީ ހިމެނެއެވެ.

ޕީއެސް ފައިވް ނޮވެމްބަރު 12 ގައި ބާޒާރަށް ނެރުމަށް ނިންމާފައި ވާއިރު، ޕީއެސް ފައިވްއާ ވާދަކުރާ މައިކްރޯސޮފްޓްގެ "އެކްސް ބޮކްސް"ވެސް ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހު ބާޒާރަށް ނެރުމަށް ވަނީ ނިންމާފައެވެ. އެކްސް ބޮކްސްއިންވެސް ދެ މޮޑެލްއެއް ބާޒާރަށް ނެރޭއިރު، އޭގެ ތެރެއިން "އެކްސް ބޮކްސް ސީރީޒް އެކްސް" ވިއްކާނީ 499 ޑޮލަރަށެވެ. އަދި "އެކްސް ބޮކްސް ސީރީޒް އެސް" ވިއްކާނީ 299 ޑޮލަރަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!