ދެ ލަގެޖެއްގެ އަތްގަނޑު ދަށަށް ލައިގެން ޑްރަގު އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ދެ ލަގެޖެއްގެ އަތްގަނޑު ދަށަށް ލައިގެން ޑްރަގު އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެކެވެ.
މަސްތުވާތަކެތި ފެނުނީ އެ މީހާ ގެނައި ދެ ލަގެޖުގެ އަތްގަނޑު ދަށަށްވާ ގޮތަށް އައްސާފައިވާ ކޮތަޅެއްގެ ތެރެއިން ކަމަށް އަމުރުގައިވެ އެވެ.
ބުނީ އެ ތަކެތި ތަހުލީލު ކުރިއިރު، ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ބަރުދަނުގައި 109 ގްރާމް ހުއްޓެވެ.
އެ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ބުނެފައިވެ އެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަަމަށް ޓަކައި އޭނާ 15 ދުވަހު ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މިފަހަކަށް އައިސް ރާއްޖެއަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމުން ދަނީ ހިފަހައްޓަމުންނެވެ.