ހާލުގައި ޖެހުނު 23 އުމުރާވެރިން ރާއްޖެ ގެނެސްފި

އަލް ހިޖުރަ ޓްރެވެލް އެންޑް ޓުއާސް ލިމިޓެޑުގެ ހަވާލުގައި އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސި 23 އުމްރާވެރިން ސަރުކާރުގެ ހަރަދުގައި އަނބުރާ ރާއްޖެ ގެނެސްފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ އެ މީހުން އިއްޔެ ރާއްޖެ ގެނެސްފައިވާކަން "ދެން" އަށް ޔަގީންކޮށްދީފަ އެވެ. ރާއްޖެ އައި ގަތަރު އެއާވޭސްގެ ފްލައިޓެއްގަ އެވެ.
ހިޖުރަ ކުންފުނީގެ އުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައި ވީނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ އިއުތިރާފްވެފަ އެވެ.
އެހެންވެ ހުކުރު ދުވަހުން ފެށިގެން އެ މީހުންގެ ކަންކަން ބަލަމުން އައީ މިނިސްޓްރީއާ ހައްޖު ކޯޕަރޭޝަނުންނެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާ ހިލާފުވެފައިވާތީ އެ އުސޫލުގެ ދަށުން އެ ކުންފުންޏާ މެދު އިސްލާމިކް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.
- އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން، ހިޖުރަ އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
- އެއްލައްކަ (-/100،000) ދިވެހި ރުފިޔާއިން ހިޖުރަ ޖޫރިމަނާކުރުން
- އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން
- އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެކުންފުނިން ހޯދުން
- އެ މައްސަލަ ތަހްގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށައެޅުން
އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވެ އެވެ.