ޚަބަރު

ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކުވެއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ ޓްރެއިނިން ނިންމައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޓްރެއިނިން ޕްރޮގްރާމުގައި 32 ފަރާތުން ބައިވެރިވި / ފޮޓޯ:އެމްއެންޑީއެފް

އޯޝަން ކަންޓްރީ ޕާޓްނާޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އިން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ "އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޓްރެއިނިން ޕްރޮގްރާމް" ނިންމައިފި އެވެ.

Ads by Hajj Corporation

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެ އާ ހަމައަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާހެން އެމްއެންޑީއެފް ކޯސްޓްގާޑުގެ 17 ސެއިލަރުންނާއި ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ތިން މުވައްޒަފުންނާ އަދި އެންވަޔަރަންމަންޓް މިނިސްޓްރީން ދެ މުވައްޒަފުން ބައިވެރިވި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހިދުމަތުގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސްގެ ގާބިލުކަން އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމަކީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒް އަދި ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެެއް ކަމަށެވެ.

ޕްރޮގްރާމުގައި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ލެވެލް 1، 2، 3 އާއި އިންސިޑެންޓް ކޮމާންޑް ސިސްޓަމް 100، 200، 300 އާއި އޭރިއަލް ސަވައިލަންސް އަދި ޝޯލައިން ކްލީންއަޕް އެސެސްމަންޓް ޓެކްނިކުގެ ބައިތައް ކިޔައިދީފައިވާ ކަމަށެވެ.

ތަމްރީނު ޕްރޮގްރާމުގެ ނިމުން ފާހަގަކުރަން ރޭ ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަ ޖެނެރަލް މުހައްމަދު ސަލީމެވެ.

ރަސްމިއްޔާތުގައި އީޕީއޭގެ ޑައިރެކްޓަ އިބްރާހީމް ނައީމާއި ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ، ބްރިގޭޑިއަ ޖެނެރަލް ޑރ. ހުސައިން އިބްރާހީމުގެ އިތުރުން ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަ، ކާނަލް މުހައްމަދު ރިޒްމީ ވަލީދު ވެސް ބައިވެރިވަޑައިގެންނެވި އެވެ.

Ads by Ooredoo