1 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ދައުލަތުގެ ހަރަދުތައް ކުޑަ ކުރަނީ
ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ހަރަދުތައް އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ކުޑަ ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ ކުރިން އިއުލާންކޮށްފައި އޮންނާނީ އެއް ބިލިއަން ރުފިޔާ އިން ހަރަދުތައް ކުޑަކުރާނެކަން ކަމަށާއި ނަމަވެސް މިހާރު ވިސްނުން ހުރީ އެއް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑުކޮށް ހަރަދުތައް ކުޑަކުރަން ކަމަށެވެ.
"ކޮންމެ ގޮތެއް ވެސް އެއްބަސްވާން އެބަޖެހޭ އިގްތިސާދީ ކާރިސާއެއް އެބަ އަންނަކަން. އެ ހަގީގަތަށް އެއްބަސްވާން އެބަޖެހޭ. އެއް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑުކޮށް ކަނޑާނެ" އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ކުރިން ހީކުރި ގޮތާއި ޚިލާފަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށާއި އެގޮތުން ބަޖެޓް ތައްޔާރުކުރިއިރު، އާމްދަނީގެ ގޮތުގައި 30 ބިލިއަން ލިބޭނެކަމަށް ލަފާކޮށްފައިވީ ނަމަވެސް މިހާރު ލަފާކުރެވޭގޮތުގައި އެ އަދަދުން 12 ބިލިއަން ޑެފިސިޓެއް އަންނާނެ ކަމަށެވެ.
އަދި ޤައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 5.7 ޕަސެންޓު ދައްވާނެ ކަމަށާއި އަދި ޓޫރިސްޓް އެރައިވަލް 30 ނުވަތަ 50 އިންސައްތަ ދަށަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.