ޚަބަރު

އެންމެފަހުން ޑީއާރްޕީން ވެސް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ތެދުވެއްޖެ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ޑީއާރްޕީން އޭނާގެ ދިފާއުގައި ތެދުވެއްޖެއެވެ.

މިހާތަނަށް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ބައެއް ރިސޯޓު އޯނަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތެދުވެފައެވެ.

މިއަދު ކުރި ޓްވީޓެއްގައި ޑީއާރްޕީން ބުނެފައި ވަނީ ފަހުގެ ތާރީޚެއްގައި އެންމެ ހަމަހަމަކޮށް ކަންކަން ނިންމަވާ ޓޫރިޒަމް މިނިސްޓަރަކީ އަލީ ވަހީދު ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.

އެޕާޓީން ބުނީ އަލީ ވަހީދު ގެންދަވަނީ މުވައްޒަފުންނާއި އިންވެސްޓަރުންގެ މަސްލަހަތު ވެސް ހިމާޔަތްކުރައްވަމުން ކަމަށެވެ. އަދި ވަކި ފަރާތެއްގެ ޒާތީ މަސްލަހަތާ ހެދި މިނިސްޓަރު ގޯސް ނުކުރެއްވުމަށް ޑީއާރްޕީން ވަނީ ގޮވާލާފައެވެ.

ޑީއާރްޕީން މިނިސްޓަރު އަލީ ވަހީދަށް ތައުރީފްކޮށްފައިވާއިރު، މީގެކުރިން އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކި ފަހަރުމަތިން ވާހަކަ ދައްކަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!